ފިހާރައަކުން ރީތިވާ ސާމާނު ވަގަށްނެގި މީހަކު ތިން އަހަރާ ހަ މަހަށް ޖަލަށް

ފިހާރައަކުން ރީތިވާ ސާމާނުތަކެއް ވަގަށްނެގި މީހަކު 3 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފ...

14 Jan 2015 | 06:14

ފިހާރައަކުން ރީތިވާ ސާމާނުތަކެއް ވަގަށްނެގި މީހަކު 3 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ނ. ވެލިދޫ، ގޯބުލިގެ އިބަރާހީމް ޢަލީ (44އ) ގެ މައްޗަށެވެ.

ދަޢުލަތުން އިބްރާހީމް ޢަލީގެ މައްޗަށް ފިހާރައަކުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ  އުފުލާފައިވަނީ، އޭނާ 2012 ޖުލައި 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީވޯމާޓު ފިހާރައިން 75 ރުފިޔާގެ އަގުހުރި މަލްބަރޯ ބްރޭންޑްގެ ދެ ފުޅި ބޮޑި ސްޕްރޭ ވަގަށް ނަގާފައިވާ މައްސަލައިގެން އިތުރުން، އެ ވައްކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު، ކޮއިލް މާޓް ނަމަކަށް ކިޔާ ފިހާރައިން ވަގަށް ނަގާފައިވާ އިތުރު ސާމާނުތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ދަޢުވާ ކްރިމިނަލް ކޯޓުން ބެލުމަށް ފަހު ކޮށްފައިވާ ޙުކުމުގައި ބުނަނީ، އޭނާ އީވޯ މާރޓް ފިހާރައިން ވައްކަންކުރިކަން، ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ވީޑިއޯ ފުޓޭޖުން ޝަރީޢަތަށް ސާބިތުވާތީ، ފިހާރައަކުން ވައްކަން ކުރުމުގެ ކުށުން އިބްްރާހީމް ޢަލީ ކުށްވެރި ވާކަމަށެވެ.

އެހެންކަމުން، މިއީ އޭނާގެ މައްޗަށް މިބާވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވާ 3 ވަނަ ފަހަރު ކަމަށް ވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނުލް ޢޫޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 3 އަހަރުދުވަސް، އަދި އޭނާ ވައްކަންކޮށްފައިވަނީ ފިހާރައަކުން ކަމަށް ވާތީ، ޤާނޫނުލް ޢުޤޫބާތުގެ 138 ވަނަ މާއްދާގެ ދަށުން 6 މަސްދުވަސް، އެކުޖުމްލަ 3 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް އިބްރާހީމް ޢަލީ ޖަލަށްލުމަށް ޙުކުމް ކުރާކަމަށްވެސް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް