ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކުރަން އެ ޕާޓީން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރަން މޫސަ ހުށަހެޅުމުން، މޫސައާމެދު އަޅާފައިވާ ފިޔަވަޅުތައް ބާތިލުކުރެވޭނެ ޖާގައެއް ނެތް ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
އިސްތިއުނާފު މަޖިލީހުން މައްސަލަ ނިންމު ގޮތުގެ ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ވަކި ކުރަން ނެގުނު ވޯޓަށް ހާޒިރުނުވުމުގެ އިތުރުން ކޯޓުތަކުގެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހާ ގުޅިގެން ދޭއް ޑިސެމްބަރު ގައްޔާއި ދިހައެއް ޑިސެމްބަރުގައި ނެގި ވޯޓާއި މިއަހަރުގެ ބަޖެޓާ ބެހޭގޮތުން ދިހައެއް ޑިސެމްބަރުގައި ނެގި ވޯޓާއި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހާ ގުޅޭގޮތުން 16 ޑިސެމްބަރުގައި ނެގުނު ވޯޓުގައިވެސް ޕާޓީން ނެރުނު ވިޕާ ހިލާފުވެފައިވާކަން އެނގޭ ކަމަށެވެ.
އަދި އުއްތަމަ ފަނޑިޔާރު ވަކިކުރަން ނެގި ވޯޓުގައި ވިޕްލައިނާ ހިލާފުވި އެހެން މެމްބަރުން ޕާޓީގެ އެހެން ވިޕަކާ ހިލާފުވެފައި ނުވާކަން ސާފުކޮށް އެނގޭ ކަމަށްވެސް އިސްތިއުނާފު މަޖިލީހުން މައްސަލަ ނިންމި ގޮތުގެ ބަޔާނުގައި ވެއެވެ.
އެ މަޖިލީހުން މައްސަލަ ބަލާ ނިންމި ނިންމުމުގައި ބުނެފައިވަނީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރު މޫސާ މަނިކާމެދު ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން އަޅާފައިވާ ފިޔަވަޅުތައް ބާތިލުކުރާނޭ ޖާގަ އޮތް ކަމަށް އެ މަޖިލީހަށް ނުފެންނަ ކަމަށް ކަނޑައަޅައި މައްސަލަ ބަލައި ނިންމީ ކަމަށާއި މައްސަލަ ބަލައި ނިންމާފައި މިވަނީ 13 ޖެނުއަރީ ތާރީހުގައި ދަންނަވާފައިވާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
އެ ނިންމުން ނިންމާފައިވަނީ އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަސް މެމްބަރުން ކަމަށްވާ އަލްއުސްތާޛާ ފަރީޝާ އަބްދުﷲ އާއި އަލްފާޟިލް މުހައްމަދު މާހިރު އީސާއާއި އަލްފާޟިލް ހަސަން ޒާހިރު އާއި އަލްއުސްތާޛް ނާޒިލް އަފީފާއި އަލްއުސްތާޛް ހަސަން ލަތީފު ގެ އިއްތިފާގުންނެވެ.
ޕާޓީން މޫސަ ވަކިކުރަން ނިންމި ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަޙީދަށް މޫސަ ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުން ގަބޫލު ނުކުރެވޭ ކަމަށާއި އޭނާ އާއި މެދު އަމަލު ކޮށްފައިވަނީ ބޭ އިންސާފުން ކަމަށެވެ. އަދި އޭނާ އާއި މެދުވެސް އަމަލު ކުރަން ޖެހޭނީ އެދުވަހު ވޯޓުގައި ބައިވެރި ނުވި އެހެން މެންބަރުންނާއި މެދު އަމަލު ކުރި ގޮތަށް ކަމަށެވެ.
ޕާޓީން ވަކިކުރުމުގެ އިތުރަށް، މޫސައާ ދެކޮޅަށް ހަރުކަށި އެހެން ފިޔަވަޅުތަކެއް އަޅަން ވެސް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި، އެމްޑީޕީއާ އަލުން މޫސަ ގުޅިވަޑައިގަންނަވާ ނަމަ އިތުރު 50 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމާއި ސޮއިކުރާ ތާރީހުން ފެށިގެން ފަސް އަހަރު ވަންދެން، އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއް އަދި ޕްރައިމަރީއެއްގައި ވާދަނުކުރެއްވުން ހިމެނެ އެވެ.
މިފަދަ ފިޔަވަޅުތަކެއް މޫސައާއި ދެކޮޅަށް އަޅަން އެމްޑީޕީން ނިންމާފައިވާއިރު އޭނާ ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައި އެވެ. އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް