ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައެޅުއްވި ސަފީރު ޑރ އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނަށް އަރުވައިފި އެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް 3 އަށް ސަފީރުކަމުގެ ފަތްކޮޅު އިރުތިޝާމް އެރުވީ އބުރާސްފަތި ދުވަހު ބަކިންހަމް ޕެލަސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސަފީރުކަމުގެ މަގާމާ އިރުތިޝާމް ހަވާލުވުމުން، ޗާލްސް މަރުހަބާ ދަންނަވާ ވިދާޅުވީ، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ.
ސަފީރު ޑރ. އިރުތިޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިނގިރޭސިިވިލާތުގެ ރަސްގެފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތް ގުޅިގެން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރަސްގެފާނަށް އެރުވިއެވެ.
ރަސްގެފާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސެއިންޓް ޖޭމްސް ކޯޓް ލަންޑަންގެ އަ ތާޖް ހޮޓެލްގައި ރިސެޕްޝަނެއް ވެސް ބޭއްވި އެވެ.
އެ ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި ސާކް އަދި ކޮމަންވެލްތު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް ކޯގެ ޑީން ކަމުގައިވާ ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ މާޓިނޭޒާއި ޔޫކޭގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުން އަދި ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ފޮރިން މިނިސްޓްރީން ބުނީ ސަފީރު އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު އަހްމަދު މުހައްްމަދު، ޑިފެންސް އެޓާޝޭ ކާނަލް ހުސެއިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރަކަށް އިރުތިޝާމް ހަމަޖައްސަވާ، ސަފީރުކަމުގެ ފަތްކޮޅު ރައީސް ދެއްވާފައިވަނީ މި އަހަރުގެ މޭ މަހުގެ 7 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް