ދެ ކިޑްނީ ފެއިލްވެފައިވާ ލުހާމް އަށް ސަމާގެ ހިތުން ހިތަށް ޖަމުޢިއްޔާއިން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިދީފި

ދެ ކިޑްނީ ފެއިލްވެ ކިޑްނީ ޓްރާންސްޕްލާންޓޭޝަންއަކަށް ތައްޔާރުވަމުން އަންނަ އުމުރުން 16 އަހަރުގެ  އަހްމަދު ލުހާމް މުހައްމަދަށް މަރިޔަމް ސަމާ (ހިތުން ހިތަށް ސަމާ)ގެ ހިތުން ހިތަށް ޕްރޮގްރާމުން ލައްކައަކަ...

12 Dec 2024 | 19:14

ދެ ކިޑްނީ ފެއިލްވެ ކިޑްނީ ޓްރާންސްޕްލާންޓޭޝަންއަކަށް ތައްޔާރުވަމުން އަންނަ އުމުރުން 16 އަހަރުގެ  އަހްމަދު ލުހާމް މުހައްމަދަށް މަރިޔަމް ސަމާ (ހިތުން ހިތަށް ސަމާ)ގެ ހިތުން ހިތަށް ޕްރޮގްރާމުން ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ފައިސާގެ އެހީ ހޯދައިދީފިއެވެ.

ފައިސާގެ މި އެހީ ހޯދައިދީފައިވަނީ ހިތުން ހިތަށް ޕްރޮގްރާމްގެ ދަށުން މިރޭ ކުރިއަށްގެންދިޔަ ފަންޑް ރައިޒިންގ ލައިވް ޕްރޮގްރާމްގައެވެ. ޓިކްޓޮކް މެދުވެރިކޮށް ލައިވްކޮށް ކުރިއަށްގެންދިޔަ މި އިވެންޓް ދުވަސް ނޫހުގެ ފޭސްބުކް ޕޭޖުންވެސް ލައިވްކޮށްފައިވެއެވެ.

ހިރިޔާ ސްކޫލުގައި ގްރޭޑް 10ގައި ކިޔަވަމުން އަންނަ ލުހާމްގެ ޑޯނަރ އަކީ ލުހާމްގެ މަންމަ ނިސްރީނާ މޫސާ އެވެ. ލުހާމްގެ މަންމަގެ ކްރޮސްމެޗް ހަދައި އެކަން ކަށަވަރުކޮށްފައިވާއިރު ލުހާމް އާއި ލުހާމްގެ މަންމަ އަންނަނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ދިއުމަށް ތައްޔާރުވަމުންނެވެ.

މިރޭ 10:00ގައި ފެށި މި ލައިވްގައި 94778.89 ރުފިޔާ އަދި 433.29 ޑޮލަރު، އެކު ޖުމްލަ ދިވެހި ރުފިޔާއިން ބަލާނަމަ 101،460.22 ރުފިޔާ ލިބިފައިވެއެވެ.

ހިތުން ހިތަށް ޕްރޮގްރާމަކީ މިފަދަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ފައިސާގެ އެހީތެރިކަން ހޯދައިދިނުމަށް ސަމާ އަދި ސަމާގެ ޓީމުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ސަމާގެ މި ޕްރޮގްރާމް މިހާރު ވަނީ ޖަމުޢިއްޔާއެއްގެ ގޮތުގައިވެސް ރަޖިސްޓްރީކޮށްފައެވެ.

މި އަހަރު މިހާތަނަށް ހިތުން ހިތަށް ޕްރޮގްރާމްގެ މި ޕްރޮގްރާމް ހިމެނޭހެން 12 ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާއިރު 12 އާއިލާއަކަށް މި ޕްރޮގްރާމުން މިވަނީ މިހާތަނަށް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް