ޕޯޗުގަލް ކޯޗުކަމުން ސަންޓޯސް ވަކިކޮށް އެ މަޤާމަށް މޮރީނިއޯ ގެންނަނީ

މިހާރު ގަތަރުގައި ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓުމާއި ގުޅިގެން މިހާރު އެ ޓީމުގެ ހެޑް ކޯޗުގެ މަޤާމުގައި ހުރި ފެނާންޑޯ ...

13 Dec 2022 | 15:05

މިހާރު ގަތަރުގައި ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓުމާއި ގުޅިގެން މިހާރު އެ ޓީމުގެ ހެޑް ކޯޗުގެ މަޤާމުގައި ހުރި ފެނާންޑޯ ސަންޓޯސް ވަކިކޮށް އެ މަޤާމަށް ހޯސޭ މޮރީނިއޯ ހަމަޖައްސަން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ވަރުގަދަ ސްކޮޑަކާއި އެކު މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތް ޕޯޗުގަލް މުބާރާތުން ކަޓައި ރަށަށް ދާން ޖެހުނީ ކުއާޓާ ފައިނަލުގައި މޮރޮކޯއާއި ވާދަކޮށް ހަނި ގޮތަކަށް 0-1 ގެ ނަތީޖާއިން ބަލިވުމުގެ ސަބަބުންނެވެ.

މިހާރު އިޓަލީ ލީގުގެ ރޯމާއަށް ކޯޗުކަން ކޮށްދެމުން އަންނަ މޮރީނިއޯ ވަނީ މީގެ ކުރިން ވެސް ޕޯޗުގަލްގެ ހެޑް ކޯޗުކަން ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ޕޯޗުގަލްގެ ނޫހެއް ކަމަށް ވާ އޭ ބޯލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން މިހާރު ވަނީ މޮރޯނިއޯއަށް ޕޯޗުގަލްގެ ގައުމީ ޓީމާއި ހަވާލުވުމަށް ހުށައެޅުމެއް ވެސް ހުށައަޅާފައެވެ.

ދުނިޔޭގެ ބައެއް މަޝްހޫރު މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މޮރީނިއޯ ޕޯޗުގަލްގެ ޖެޑް ކޯޗުކަމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެއެވެ. އެހެން ކަމުން ދާދި އަވަހަށް މޮރީނިއޯ ޕޯޗުގަލްގެ ކޯޗުކަމާއި ހަވާލުވުމަށް ގޮތެއް ނިންމާނެއެވެ.

ޕޯޗުގަލްގެ މިހާރުގެ ކޯޗު ފެނާންޑޯ ސަންޓޯސް އެޓީމާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ނިޔަލަށެވެ. ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕުގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީއާއި ގުޅިގެން ސަންޓޯސް އެ މަޤާމުން ވަކިކުރުމަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވިސްނަމުން އަންނަ ކަމަށް ދުނިޔޭގެ މަޝްޙޫރު ކުޅިވަރު ޖާނަލިސްޓް ފެބްރިޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވެއެވެ.

ޕޯޗުގަލް އަށް އުފަން އުމުރުން 59 އަހަރުގެ މޮރީނިއޯ އަކީ ދުނިޔޭގެ މަތީފެންވަރުގެ ބޮޑެތި ކުލަބުތަކަށް ކޯޗުކޮށްދީ އެ ކުލަބުތަކާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އެގޮތުން މޮރީނިއޯ ކޯޗުކޮށްދިން ކުލަބުތަކުގެ ތެރޭގައި އިނގިރޭސި ކުލަބު ޗެލްސީ، ސްޕެއިންގެ ރެއާލް މެޑްރިޑް، އިޓަލީގެ އިންޓަ މިލާން، މެންޗެސްޓަރ ޔުނައިޓެޑް ފަދަ ކުލަބުތަށް ހިމެނެއެވެ.

މޮރީނިއޯ ވަނީ އިޓަލީގެ އިންޓަ މިލާން އަދި ޕޯޗުގަލްގެ ޕޯޓޯ އަށް ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދައިދީފައެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑަށް ޔޫރޮޕޯ ލީގު ހޯދައިދިނުމުގެ އިތުރުން މިހާރު ކޯޗު ކޮށްދެމުން އަންނަ އިޓަލީގެ ރޯމާއަށް މިދިޔަ އަހަރުގެ ޔޫއެފާ ކޮންފަރެންސް ލީގު ހޯދައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް