ފީފާ ވޯލްޑް ކަޕް 2022 ސެމީ ފައިނަލް: އާޖެންޓީނާ - ކްރޮއޭޝިއާ މެޗު ޕްރިވިޔު

ތާރީޚް: 14 ޑިސެމްބަރ 2022 ގަޑި: 00:00 ސްޓޭޑިއަމް: ލުސައިލް ސްޓޭޑިއަމް ފީފާ ރޭންކިންގ: އާޖެންޓީނާ (3)، ކްރޮއޭޝިއާ (12) ހެޑް-ޓު-ހެޑް ނަތީޖާތައް: އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި މި ދެ ގައުމު ގްރޫޕް ސް...

13 Dec 2022 | 13:56

ތާރީޚް: 14 ޑިސެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: ލުސައިލް ސްޓޭޑިއަމް

ފީފާ ރޭންކިންގ: އާޖެންޓީނާ (3)، ކްރޮއޭޝިއާ (12)

ހެޑް-ޓު-ހެޑް ނަތީޖާތައް:

އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި މި ދެ ގައުމު ގްރޫޕް ސްޓޭޖްގައި ވާދަކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ކްރޮއޭޝިއާ އެވެ. މީގެ އިތުރުން 1998 ގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ވެސް މި ދެ ގައުމު ކުޅެފައިވާއިރު، އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކުރީ އާޖެންޓީނާއެވެ.

ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލްގައި އާޖެންޓީނާ އާއި ކްރޮއޭޝިއާ މިރޭ ރާއްޖެ ގަޑިން 00:00 ގައި ވާދަކުރާއިރު، މި ދެ ގައުމުގެ ކުރިމަތިލުން ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ވާދަކޮށްފައިވާ ކްރޮއޭޝިއާއިން މި ފަހަރު ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޝޫޓްއައުޓުން، މުބާރާތުގެ ފޭވަރިޓުންކަމުގައި ބެލި ބްރެޒިލް ބަލިކޮށްފައެވެ. އެ ޓީމުން ރައުންޑް އޮފް 16 ކާމިޔާބުކުރީ ޖަޕާންގެ މައްޗަށް ހަމަ ޕެނަލްޓީއިން ކުރި ހޯދައިގެންނެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ 2018 ވަނަ އަހަރު ކްރޮއޭޝިއާއިން ފައިނަލަށް ކުރި ދަތުރުގައި ވެސް، ރައުންޑް އޮފް 16 އަދި ކުއާޓާ ފައިނަލް މެޗު ކާމިޔާބުކުރީ ހަމަ ޕެނަލްޓީ ޝޫޓްއައުޓުން ކަމެވެ. އެހެންކަމުން، އެ ފަހަރެކޭ އެއްފަދައިން ފައިނަލަށް ފޯރާނެކަމުގައި އުންމީދު ކްރޮއޭޝިއާއަށް އޮތްއިރު، އާޖެންޓީނާ ބަލިކުރެވިއްޖެނަމަ 2018 ގެ ފައިނަލްގެ ނާކާމިޔާބީގެ ބަދަލުގައި، ސީދާ ތަށި ހޯދުމުގެ ހިތްވަރު ލިބޭނެއެވެ.

އާޖެންޓީނާއަށް ގްރޫޕް ސްޓޭޖްގެ ފެށުން ގޯސްވި ނަމަވެސް، އެ ޓީމުން ފަހުން ހޯދި ނަތީޖާތައް ރަނގަޅެވެ. ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޝޫޓްއައުޓުން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރައުންޑް އޮފް 16 މެޗުން އޮސްޓްރޭލިއާ އަތުން މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.

އާޖެންޓީނާއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އެ ޓީމުގެ ތަރި ލިއޮނަލް މެސީ ވަރަށް ރަނގަޅު ފޯމެއްގައި ހުރެ، ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އައުމެވެ. ޚާއްސަކޮށް، މެސީގެ ފަހު ވޯލްޑް ކަޕަށް ވެފައި، ތަށި ހޯދުމަށް އޮތް ރޫހާއެކު، އާޖެންޓީނާ ޓީމު ފެންނަނީ ވަރަށް ވަރުގަދަ ކޮށެވެ. އެހެނަސް، ލޫކާ މޮޑްރިޗާއި އޭނާގެ ބައިވެރިންގެ މައްޗަށް ކުރި ހޯދަން ބޭނުންނަމަ، އާޖެންޓީނާއިން ވަރަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ސަބަބަކީ މި މުބާރާތުގެ މިހާތަނަށް ވެސް ކްރޮއޭޝިއާ ޓީމުގެ ފަރާތުން ވަރަށް ވަރުގަދަ ހިތްވަރާއި މަސައްކަތް ފެނިފައިވާތީއެވެ. މީގެ އިތުރުން ވަން ޓަޗް އަވަސް ދިގު ޕާސްތަކުން އެޓޭކް އުފެއްދުމުގައި ވެސް ކްރޮއޭޝިއާ ޓީމު ފެންނަނީ ވަރަށް ކުޅުން ރަނގަޅުކޮށެވެ.

މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟

މި މެޗުން މޮޅުވާ ގައުމެއް ފައިނަލް ގައި ވާދަކުރަން ޖެހޭނީ، މާދަމާރޭ ރާއްޖެގަޑިން ދަންވަރު 12:00 ގައި، ފްރާންސާއި މޮރޮކޯ ކުޅޭ މެޗުން މޮޅުވާ ގައުމަކާއެވެ.

ދުވަސްގެ ލަފާކުރުން:

މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، 90 މިނިޓުގެ ނަތީޖާ ހަމަހަމަވެ، އިތުރު ވަގުތު ދެ ހާފުކުޅެ، 2-1 ގެ ނަތީޖާއިން އާޖެންޓީނާ މޮޅުވުމެވެ.

އާޖެންޓީނާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

މާޓިނޭޒް، މޮލީނާ، ރޮމޭރޯ، އޮޓަމެންޑީ، ޓެގްލިއާފިކޯ، ފެނާންޑޭޒް، ޑި ޕައުލް، މެކް އެލިސްޓާ، ޑި މަރިއާ، މެސީ، އަލްވަރޭޒް

ކްރޮއޭޝިއާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ލިވަކޮވިޗް، ޖުރަނޮވިޗް، ގުވާޑިއޮލް، ލޮވްރެން، ސޯސާ، މޮޑްރިޗް، ބްރޮޒޮވިޗް، ކޮވަކިޗް، ޕެސެލިޗް، ކްރަމަރިޗް، ޕެރިސިޗް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް