ދެމީހަކު ރުހިގެން އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯފަދަ ތަކެތި ފޮނުވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ''ސެކްސްޓިންއަކީ ކޮބާ؟'' ގެ ނަމުގައި ޢާންމުކުރެއްވި ވީޑިއޯއަށް ރާއްޖޭގެ ދީނީ ޢިމުވެރިން ރައްދު ދީފިއެވެ.
''ސެކްސްޓިންއަކީ ކޮބާ؟'' މި ނަމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ޢާންމުކުރެއްވި ވީޑިއޯއެއްގައި ބުނެފައި ވަނީ ދެމީހަކު ރުހިގެން އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯއާއި ޖިންސީ ނިޔަތެއް ހާމަކޮށް ލިޔާ މެސެޖު ފޮނުވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. އެ ޕޯސްޓު މިހާރު ވަނީ ޑިލީޓް ކޮށްލާފައި އެވެ.
އެ އޮފީހުން އާންމު ކުރި މި ވީޑިއޯގައި ދައްކާފައިވާ ވާހަކަތަކަށް ރައްދުދެމުން މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ފިޔަވައި އެހެން މީހެއްގެ ކުރިމަތީގައި ބަރަހަނާވެ އޮރިޔާންވުމަކީ އެއްވެސް އޮޅުމެއް ނެތި ސާފުކޮށް އެނގެން އޮތް ބޮޑު ޙަރާމް ކަމެއް ކަމަށާއި މިފަދަ ކަމެއް "ދެފަރާތުގެ ރުހުމާއި އެކީ ކުރުމަކީ" ކުށެއް ނޫނޭ ހުއްދަ ކަމެކޭ ބުނާ ކޮންމެ މީހަކު އެވަނީ މުރުތައްދުވެ ކާފަރުވެފައި ކަމަށެވެ.
އަދި "ސެކްސްޓިންގ" އޭ ކިޔައި ރައްބެއް ރަސޫލެއް ގަބޫލު ނުކުރާ ނަޖިސް ކާފަރުން އުޅޭ ގޮތަށް އުޅުމަކީ މައްސަލައެއް ނޫނޭ ބުނާނީ ޝައިޠާނެއް ކަމަށާއި ނުވަތަ ދައްޖާލެއް ކަމުގައިވެސް ޝައިޚް ވިދާޅުވެފައިވެއެވެ. އަދި އެޓާނީ ޖެނެރަލް ކަމަށް ވިޔަސް އަދި އެހެން މީހެއް ކަމަށް ވިޔަސް އެމީހަކު ޖެހޭނީ ތަޢުބާވާނަކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މި ކަމާއި ގުޅިގެން ޝައިޚް އަލީ ޒައިދު ވިދާޅުވީ ރުހުމުގައި ޢާންމުން އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯ ފޮނުވުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވުމަކީ ދައުލަތުގެ މުއައްސަސާއަކުން އެއްގޮތަކަށް ވެސް ދައްކަވައިގެންވާނެ ވާހަކައެއްނޫން ކަމަށާއި އެއީ ކަނޑައެޅިގެން ޒިނޭ ހުއްދަކުރުން ކަހަލަ ކަމެއްކަމަށެވެ.
https://twitter.com/alizaid1000/status/1602266786476347392
އަދި މި ޒަމާނުގައި ނަހަލާލު ޖަރީމާތައް ހިނގަނީ ''ތިފަދަ ގޮތްގޮތަށް ހިތްވަރުދޭތީ'' ކަމަށާއި ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން ނޫން މީހުން ބަރަހަނާ ފޮޓޯ ފޮނުވުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް ޝައިޚް ޒައިދު ވިދާޅުވީ ހެކަރުން ގިނަ މިފަދަ ޒަމާނެއްގައި އެއީ ދެމަފިރިން ވެސް ކުރުން ރަނގަޅު ނޫން ކަމެއް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް