ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް އެ އޮތޯރިޓީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް މިއަދު ދީފިކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން ބުނީ މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރި މިފަދަ ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް ކަމަށެވެ.
އަދި މި ލައިސަންސްގެ ދަށުން އެޗް.ޑީ.ސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމު ކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މިއިންފްރާސްޓްރަކްޗަރ ދޫކުރުމުގެ ހުއްދަ ލިބިދޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
ރަސްމީ ސިފައެއްގައި މިއަދު މި ލައިސަންސް އެޗް.ޑީ.ސީއަށް ދޫކުރެވުނު ނަމަވެސް، މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ މީ ފުރަތަމަ އޯޕަން އެކްސެސް ވިއުގަ ކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެ ކޯޕަރޭޝަނަށް ވަނީ މީގެކުރިން ދެވިފައެވެ.
އެޗް.ޑީ.ސީން ވަނީ އެ ކޯޕަރޭޝަނަށް މިއަދު ދިން ރަސްމީ ލައިސަންސް ދޫކުރެވުނީ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީކަން ފާހަގަ ކޮށްފައެވެ.
އެޗް.ޑީ.ސީންވަނީ ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފް.ޓީ.ޓީ.އެޗް (ފައިބަރ ޓު ދަ ހޯމް) ގެ ޚިދުމަތް ދޭންފަށާފައެވެ.
އަދި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފޯރުކޮށްދޭތާ މިހާރު އަހަރަކަށް ވުރެން ގިނަ ދުވަސް ވެދާނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ކޮމިއުނިކޭޝަންސް އޮތޯރިޓީ އަދި އަދި އެޗް.ޑީ.ސީން ދެކޭގޮތުގައި މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ޚިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން މުއާސަލާތީ ޚިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް