ހުޅުމާލޭގައި ވައިގެ ކޮލިޓީ ދެނެގަންނަ ދެ ސިސްޓަމް ހަރުކުރަން ނިންމއި އެންވަޔަރަމެންޓު މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު ސޮއި ކޮށްފި އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ހަދާ ސްޓޭޝަންތަކުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެޗްޑީސީންނެވެ. ފުރަތަމަ ސްޓޭޝަން ހަދަން ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށާއި އަނެއް ސްޓޭޝަން ހަދާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަނެއްގައި ކަމަށް ވެސް އެންވަޔަރަމެންޓު މިނިސްޓްރީން ބުންޏެވެ.
މި ސްޓޭޝަންގެ ޒަރިއްޔާއިން ލިބޭ ޑާޓާ ބޭނުންކޮށްގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި ޑާޓާ އާންމުންނަށް ފެންނާނެހެން ޝާއިއުކުރުމުގެ މަސައްކަތް އެޗްޑީސީ އާއި މިނިސްޓްރީ ގުޅިގެން ކުރުމަށް ވަނީ ރާވައިފަ އެވެ.
މި ސިސްޓަމްތައް އެންވަޔަރަމެންޓު މިނިސްޓްރީއަށް ހަދިޔާ ކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންނެވެ.
ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ކޮލެޓީ ދެނެގަންނަ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އަށް ރަށެއްގައި އެ ސިސްޓަމް ހަރުކޮށްފައިވެ އެވެ. އެ ރަށްތަކަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، ފުވައްމުލަކު އަދި އައްޑޫ ހިތަދޫގަ އެވެ.
މާލޭގައި ވެސް އޭގެ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވިލިމާލޭގައި ވެސް އެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް