އޭ އިންސާނާއެވެ، ވޯލްޑް ކަޕަށް ވުރެ އިސްކަން ދޭން ޖެހޭނީ ނަމާދަށެވެ!

ޝައްކެއްވެސް ނެތް ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅައިގެ ޢީދު ކަމުގައިވާ ފީފާ ވޯލްޑް ކަޕުގެ ދުވަސްވަރެވެ. ދެ މީހަކު އެއްތަން ވެއްޖެ ނަމަ ވޯލްޑް ކަޕުގެ ވާހަކައެވެ. ފޭސްބުކް ހުޅުވާލިއަސް ޓްވިޓާ...

13 Dec 2022 | 05:40

ޝައްކެއްވެސް ނެތް ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅައިގެ ޢީދު ކަމުގައިވާ ފީފާ ވޯލްޑް ކަޕުގެ ދުވަސްވަރެވެ. ދެ މީހަކު އެއްތަން ވެއްޖެ ނަމަ ވޯލްޑް ކަޕުގެ ވާހަކައެވެ. ފޭސްބުކް ހުޅުވާލިއަސް ޓްވިޓާ ހުޅުވާލިޔަސް ނޫހެއް ބަލާލިއަސް ވޯލްޑް ކަޕުގެ ވާހަކައެވެ.

މަގުމަތިން ކީއްކުރަންތޯއެވެ. އޮފީހުން ދިމާވިޔަސް ގޭ ތެރޭގައި ވެސް ވޯލްޑް ކަޕުގެ ވާހަކައެވެ. މި ނޫން ވާހަކައެއް މިހާރު ނުދެވެއެވެ.

މައްސަލައެއް ނެތެވެ. ވޯލްޑް ކަޕް ވެސް ބަލަން ވީއެވެ. ވޯލްޑް ކަޕް ވާހަކަވެސް ދައްކަން ވީއެވެ. ސަޕޯޓުކުރާ ޓީމުގެ ވާހަކައާއި ތަށި ހޯދާނެ ޓީމެއްގެ ވާހަކަވެސް ދައްކަން ވީއެވެ. އެއީ އެއްވެސް ހާލަތެއްގައި މައްސަލައެއް ނޫންނެވެ.

މައްސަލައަކަށް މި ވަނީ ވޯލްޑް ކަޕާއި ހެދި ނުވަތަ ވޯލްޑް ކަޕު މެޗުތައް ބަލަން މާތް ﷲ ފަރުޟު ކުރައްވާފައި ވާ އެންމެ މާތް އަޅުކަން ނަމާދަށް ފަރުވާ ކުޑަކުރެވޭތީއެވެ. ނަމާދަށް ވުރެ ވޯލްޑް ކަޕް އިސްކުރެވޭތީއެވެ.

ދަންނަވަންތޯއެވެ. ވޯލްޑް ކަޕަށް ވުރެ ވެސް އަދި ތިމާމެންގެ ދިރިއުޅުމުގެ ކަންތަކަށް ވުރެވެސް އިސްކަން ދޭންޖެހެނީ ނަމާދަށެވެ. އެހެނީ ނަމާދަކީ ފަހަރެއްގައި ވެސް އެއްވެސް ކަމަކާއި ހެދި ބިޒީވެގެން ވެސް ދޫކޮށްލެވެން ނެތް އަޅުކަމަކަށް ވާތީއެވެ.

ނަމާދަކަށް ވުރެ ވޯލްޑް ކަޕެއް މުހިންމެއް ނުވާނެއެވެ. ނަމާދު އަޅާފަ ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ނަމަވެސް މި ވޯލްޑް ކަޕުގެ ތެރޭގައި މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ. ނަމާދަށް ބަންގި ގޮވާއިރުވެސް ވޯލްޑް ކަޕުގައެވެ. މިސްކިތައް ނުގޮސް ޖަމާޢަތުގެ ނަމާދު އަޅާފަވެސް ވޯލްޑް ކަޕުގަވެ. ނަމާދު ފަހުން ކޮށްލަން ވިސްނާ، އިސްކުރަނީ ވޯލްޑް ކަޕް މެޗުތަކެވެ. ހަޤީޤަތުގައި އަހަރެމެން މުސްލިމުންނަށް ވެ ތިބެ، އިސްކުރަން ޖެހެނީ ވޯލްޑް ކަޕް ތޯއެވެ. ނޫނީ މާތް ﷲ ފަރުޟު ކުރެއްވި ނަމާދު ތޯއެވެ.؟

ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. މާތް ﷲ ފަރުޟު ކުރެއްވި ފަޜުޟު ފަސް ނަމާދަށް ވުރެ ވޯލްޑް ކަޕް އިސް ނުވާނެއެވެ. އިސް ނުވެސް ކުރެވޭނެ އެވެ. އެހެނީ އަހަރެމެން އިންސާނުން ޚަލްޤު ކުރައްވާ ދުނިޔެއަށް ފޮނުއްވީ ހަމަ އެކަނި މާތް ﷲ އަށް އަޅުކަން ކޮށް އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށެވެ.

ﷲ ގެ އަމުރުތަކަކަށް ފުރަގަސް ދީ ކުޅިވަރާ މަޖަލުގައި ހަޔާތް ވޭތިކޮށްލާކަށް ނޫނެވެ. ކަން މިހެން އޮތް އިރު، އަހަރެމެން މުސްލިމުން އެންމެ އިސްކަމެއް ދީގެން އެންމެ ފުރަތަމަ އަދާކުރަން ޖެހޭނެ ކަމަކީ ނަމާދުތަކަށް އިސްކަން ދިނުމެވެ. ނަމާދު ފަސްކޮށް، ނަމާދު އަޅާފައި ބަލާ ވޯލްޑް ކަޕް މެޗަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

ކަން މިހެން އޮތް އިރު، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާށެވެ. އޭގެ ފަހުން ވެސް ވޯލްޑް ކަޕް ބެލިދާނެއެވެ. ތިބާ ސަޕޯޓު ކުރާ ޓީމަކަށް ސަޕޯޓުވެސް ކުރެވިދާނެވެ. ނަމަވެސް އެންމެ އިސްކަމެއް ދޭން ޖެހޭނީ ފަރުޟު ފަސް ނަމާދަށް ކަން ހަނދާން ނައްތާ ނުލާށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް