އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ބޭނުންވާ ވަގުތީ މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކޮށްފި އެވެ
އެ ކޮމިޝަނުން ހޯދަން އިއުލަނުކޮށްފައިވަނީ11 މަގާމަށެވެ. އެއީ އެކި މަސައްކަތްތައް ކުރަން ޖެހޭ ވަޒީފާތަކެއް ކަމަށް އީސީން ބުނެ އެވެ.
އެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ކުރިން އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކަށް ވެގެންނުވާނެ ކަމަށް ވެސް ވެ އެވެ.
ހުރިހާ މަގާމަކަށްވެސް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 4465 ރުފިޔާ ލިބޭނެ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1500 ރުފިޔާގެ އިތުރުން ކޮންމެ ދުވަހަކަށް 155 ރުފިޔާގެ އެލަވަންސްއެއް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ. އީސީން ބުނީ ރަސްމީ ގަޑީގެ އިތުރުން އިތުރު ގަޑިގައި މަސައްކަތް ކުރަން ޖެހޭ ނަމަ އެ ފައިސާވެސް ލިބޭނެ ކަމަށެވެ.
އެ ވަޒީފާތަކަށް ކުރިމަތިލުމުގެ މައިގަނޑު ޝަރުތުތަކަކީ ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، ސެކެންޑަރީ ސްކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމެވެ.
އަދި އޮފިސާ ލެވެލް މަގާމެއް ނުވަތަ އެއާ އެއަށްވުރެ މަތީ މަގާމެއްގައި އުޅެ އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ. މީގެ އިތުރުން ވޭތުވެދިޔަ އިންތިހާބެއްގައި ޖީއެސް ތިނެއް ރޭންކުގެ މަގާމެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ ޝަރުތެކެވެ.
އީސީން ކުރިން ބުނީ އަންނަ އަހަރުގެ އިންތިހާބު ބާއްވާ ތާރީހު މި މަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް