އީރާން މުޒާހަރާތަކާއި ގުޅިގެން ދެވަނަ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އީރާނުގައި މިހާރު ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ދެވަނަ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތ...

13 Dec 2022 | 00:34

އީރާނުގައި މިހާރު ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ދެވަނަ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ މަޖިދްރޭޒާ ރަނަވާދު ނަމަކަށްކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ހުކުމް ތަންފީޒުކޮށްފައިވަނީ ދަން ޖައްސައިގެންނެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ ނިމިދިޔަ މަހުގެ 29ގައި ކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން މި މައްސަލައިގާ މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ މޮހްސެން ޝެކާރީ ނަމަކަށްކިޔާ 23 އަހަރުގެ ޒުވާނެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް ތަންފީޒުކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

މި ދެ މަރާއި ގުޅިގެން ބައިނަލްއަގްވާމީ ފާޑުކިޔުންތައް އީރާނަށް ވަރަށް ބޮޑަށްވަނީ އަމާޒުވެފައެވެ.

އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާއަކީ އުމުރުން 22 އަހަރުގެ މާސާ އަމީނީގެ މަރާއި ގުޅިގެން ފެށުނު މުޒާހަރާތަކެކެވެ. އަމީނީ މަރުވީ އާއްމުތަނެއްގައި އޭނާ “ފެޝަން ބުރުގާ” އަޅައިގެން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ދޫކޮށްލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް އާއްމުންނާއި ސަލާމަތީ ހިދުމަތްތަކާއިދެމެދު ހިނގާފައިވާ ކުރިމަތިލުންތަކުގައި 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އީރާނުގައި “ފެޝަން ބުރުގާ” (ކަރުން ބައެއް، ބޮލުން ބައެއް ފެންނަ ގޮތަށް ހުންނަ ބުރުގާ) އާއްމުތަނެއްގައި އަޅައިގެން އުޅުމަކީ މަނާކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް