ރަޝިޔާގެ ދެކުނުގެ އަވަށެއްގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހޮސްޕިޓަލެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހާއްސަ އެހީއަށް ބޭނުންވާ 23 މީހަކު މަރުވެއްޖެ އެވެ.
އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާއިރު ރަޝިޔާގެ ފުލުހުން ބުނެފައިވަނީ މިހާތަނަށް 23 މީހަކު މަރުވިކަން ކަށަވަރުވެފައި ވާކަމަށާއި އަދި އިތުރު 23 މީހަކަށް އެކިވަރުގެ ޒަހަމް ލިބުމުން ފަރުވާދެމުން އަންނަ ކަމަށެވެ.
ހިތާމަވެރި މި ހާދިސާ ހިނގާފައިވަނީ ގީއެމްޓީގަޑިން ރޭ 9:00 ހާއިރު އެވެ. ހާދިސާ ހިނގި އިރު އެ ހޮސްޕިޓަލުގައި ހާއްސަ އެހީއަށް ބޭނުންވާ 70 މީހަކު ފަރުވާ ހޯދަމުން ދެ އެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު އެ ފަރާތްތަކުގެ ހިދުމަތުގައި ހަތަރު ނަރުހަކު ތިބި ކަމަށްވެސް ރަޝިޔާ މީޑިއާ ބުނެ އެވެ. އަލިފާންގަނޑު ނިއްވާލެވުނީ 440 ފަޔާ ފައިޓަރުންގެ މަސައްކަތުން ކަމަށްވެސް ރަޝިޔާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 60 އަހަރާއި 70 އަހަރުގެ މީހުން ކަމަށް އެގައުމުގެ އެމަޖެންސީ މިނިސްޓްރީން ހާމަކުރާއިރު ރަޝިޔާގެ ނޫހެއް ކަމަށްވާ ރޮސިޔާ 24 ރޯލިން ނިއުސް އިން ބުނެފައިވަނީ މަރުވި މީހުންގެ ތެރޭގައި ގިނައީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުން ކަމަށެވެ.
މި ހާދިސާގެ ތަހުގީގު ކުރުމަށް އެކުލަވައިލި ކޮމިޓީ ރިޕޯޓް ކުރަން ޖެހެނީ އެގައުމުގެ ރައީސް ލަޑިމިއާ ޕޫޓިން އަށެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ހާދިސާ ހިނގަން މެދުވެރިވީ ބައެއްގެ އިހުމާލުން ކަމުގައިވަނީނަމަ އެ ބަޔަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް