ނިޢުމަތްތައް ދެމިއޮތުން ބިނާވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ޚުޠުބާ

13 Nov 2026 | 13:13
އިސްލާމީ މަރުކަޒުގައި ކުރިން ކުރެވުނު ހުކުރު ނަމާދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒުގައި ކުރިން ކުރެވުނު ހުކުރު ނަމާދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ކަނޑައެޅެނީ އެކަލާނގެއަށް ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ޚުތުބާގެ މައުޟޫއަކީ، ޝުކުރުވެރިވުމުގެ މުހިންމުކަމެވެ.

Advertisement

މިއަދު ދިން ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށް އިސްލާމްދީން ދަސްކޮށްދޭ އެންމެ ޖައުހަރީ އެއް ސިފައަކީ ނިޢުމަތްތަކަށް ޝުކުރުކުރުމެވެ. މާތް ﷲގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، ދެއްވި ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ މަގުގައި ބޭނުންހިފުމަކީ ﷲގެ ލޯތްބާއި ރުހުން ހާސިލުވާ މަތިވެރި އަޅުކަމެއް ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

ޝުކުރުވެރިވުމަކީ މާތް ނަބީބޭކަލުންގެ ވެސް ޚާއްޞަ ސިފަފުޅެއްކަން ހާމަކުރައްވައި، އިބްރާހީމް ޢަލައިހިއްސަލާމާއި ސުލައިމާން ޢަލައިހިއްސަލާމާއި މޫސާ ޢަލައިހިއްސަލާމް ފަދަ ބޭކަލުންގެ ޙަޔާތްޕުޅުގައިވާ ޢިބުރަތްތެރި ނަމޫނާތައް ޚުޠުބާގައި ގެނެސްދީފައިވެއެވެ. ހަމައެއާއެކު ކީރިތި ރަސޫލާ ﷺ ޚަދީޖަތުގެފާނުގެ ހެޔޮފުޅުކަން ހަނދުމަފުޅުކުރެއްވި ގޮތާއި، މުޠުޢިމު ބުނު ޢަދިއްޔު ދެއްވި ޙިމާޔަތުގެ އަގު ވަޒަންކުރެއްވި ގޮތުގެ މައްޗަށް ވެސް އަލިއަޅުވައިލާފައިވެއެވެ.

މާތް ﷲއަށް ޝުކުރުވެރިވުމެކޭ އެއްފަދައިން، މީސްތަކުން ކޮށްދޭ ހެޔޮ ކަންކަމުގެ އަގު ވަޒަންކުރުމަށް ވެސް އިސްލާމީ ތަރުބިޔަތުގައި ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. ވަކިން ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުއަދާކުރުމާއި، ހެޔޮކަމެއް ކޮށްދޭ ފަރާތަކަށް "ޖަޒާކަﷲ ޚައިރަން" ބުނެ ދުޢާކޮށްދިނުމުގެ މާތްކަން ޙަދީޘްފުޅުތަކުގެ އެހީގައި ބަޔާންކޮށްފައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ، މާތް ﷲއަށް ޝުކުރުވެރިއެއް ނުވެއެވެ."

ދުންޔަވީ ކަންކަމުގައި ތިމާއަށް ވުރެ ދަށް ޙާލުގައި ތިބި މީހުންނަށް ނަޒަރު ހިންގައި، ލިބިފައިވާ ނިޢުމަތްތަކުގެ މަތިވެރިކަން ދެނެގަތުމަށް ޚުޠުބާގައި ނަޞޭޙަތްދީފައިވެއެވެ. އިސްރާފުކުރުމާއި ބޮޑާވުމުން ދުރުހެލިވެ، ހިތާއި ދުލާއި ގުނަވަންތަކުން މާތް ﷲއަށް ޝުކުރުވެރިވުމަށް ހުރިހާ މުސްލިމުންނަށް ގޮވައިލައްވައި ޚުޠުބާ ނިންމަވައިލެއްވީ ޝުކުރުވެރިކަމުގެ ދެމިއޮތް ސިފަ ހަރުލެއްވުމަށް ބާރުއެޅުއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް