އޮޅުވާލައިގެން އޯޓީޕީ ހޯދައި އީ-ސިމަށް ބަދަލުކޮށް ބޭންކް އެކައުންޓްތައް ފޭރޭ ސްކޭމްތައް ގިނަވެ ސަމާލުވުމަށް އިލްތިމާސްކޮށްފި

އޮޅުވާލައިގެން އޯޓީޕީ ހޯދައި ފޯނު ނަންބަރު އީ-ސިމަށް ބަދަލުކޮށް ބޭންކް އެކައުންޓްތަކުން ފައިސާ ފޭރޭ ސްކޭމްތައް އިތުރުވަމުންދާތީ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

13 Nov 2026 | 11:42
އޮޅުވާލައިގެން އޯޓީޕީ ހޯދައި އީ-ސިމަށް ބަދަލުކޮށް ބޭންކް އެކައުންޓްތައް ފޭރޭ ސްކޭމްތައް ގިނަވެ ސަމާލުވުމަށް އިލްތިމާސްކޮށްފި

އޮޅުވާލައިގެން އޯޓީޕީ ހޯދައި، ފޯނު ނަންބަރު އީ-ސިމަށް ބަދަލުކޮށް، ބޭންކް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކަށް ވެރިވެގެން ހިންގާ ސްކޭމްތައް ފަހަކަށް އައިސް އިތުރުވަމުންދާތީ ރައްޔިތުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހިންގި ތަހުގީގުތަކުން ފާހަގަވީ ގޮތުގައި، މި ސްކޭމްތައް ހިންގާ ފަރާތްތަކުން ފޯނު ކޯލާއި ޓެކްސްޓް މެސެޖު މެދުވެރިކޮށް ވެރިފިކޭޝަން ކޯޑާއި ލިންކުތައް ހޯދައެވެ. މީގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ އުކުޅަކީ، ގުޅާ މީހާ ބޭނުންކުރާ ނަންބަރަކީ ކުރިން ތިމަންނާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ ކޯޑު ހޯދުމެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގައި އުޅެފައި އައި މީހެއް ކަމަށާއި ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓެއް އަލުން ހޯދަން ބޭނުންވާ ކަމަށް ބުނެ ވެސް ވެރިފިކޭޝަން ކޯޑު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

މި ގޮތަށް ކޯޑު ލިބުމުން ކުށްވެރީން ޝިކާރައަކަށްވާ މީހާގެ ނަންބަރު އެ މީހުންގެ ފޯނަށް އީ-ސިމް މެދުވެރިކޮށް ބަދަލުކުރެއެވެ. އެ ހިސާބުން އެ ނަންބަރަށް އަންނަ ކޯލްތަކާއި ބޭންކިންގ އެސްއެމްއެސް އެލާޓްތައް ލިބެނީ ކުށްވެރީންނަށެވެ. އެއާއެކު އެ މީހާގެ ނަމުގައި ހުއްދަ ނެތި ޑިޖިޓަލް ވޮލެޓް ހަދައި، ބޭންކް އެކައުންޓްތަކަށް ވަދެ ފައިސާ ޓްރާންސްފަރކޮށް ބޮޑެތި މާލީ ގެއްލުން ދެމުންދާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މިކަމުން ރައްކާތެރިވުމަށް ފުލުހުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެ ގޮތުން، ކޮންމެ ސަބަބެއް ދެއްކި ނަމަވެސް އެއްވެސް ފަރާތަކާ އޯޓީޕީ، ޕިން، ނުވަތަ ވެރިފިކޭޝަން ލިންކެއް ހިއްސާ ނުކުރުމަށާއި، ނޭނގޭ ނަންބަރުތަކުން ގުޅައި ކޯޑު ހޯދަން ކުރާ އާދޭހަށް ސަމާލުކަން ނުދިނުމަށް ފުލުހުން އެދިފައިވެއެވެ. ސަބަބެއް ނެތި ކުއްލިއަކަށް ސިމް ކާޑުގެ ނެޓްވޯކް ސިގްނަލް ގެއްލިއްޖެ ނަމަ ލަސް ނުކޮށް ޓެލެކޮމް ޕްރޮވައިޑަރަށް ގުޅުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. ޝައްކެއް ވާ ނަމަ 911 އަށް ގުޅައި ރިޕޯޓުކޮށް، ބޭންކާ ގުޅައިގެން އެކައުންޓް ފްރީޒް ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ބުނީ މި ބާވަތުގެ އޮންލައިން ސްކޭމްތައް ހުއްޓުވޭނީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، މި މައުލޫމާތު ވީހާ ވެސް ގިނަ ބަޔަކާ ހިއްސާކޮށްގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް