ފުޖައިރާގެ ވަލީ އަހުދު ރާއްޖޭގެ ސަފީރު ތާރިގް އިބްރާހީމާއި ބައްދަލުކުރައްވައިފި

ފުޖައިރާގެ ވަލީ އަހުދު ރާއްޖެ، ކޮރެއާ އަދި ޖަޕާނުގެ ސަފީރުންނާ ވަކިވަކީން ބައްދަލުކޮށް، ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

13 Nov 2026 | 10:58
ފުޖައިރާގެ ވަލީ އަހުދު ރާއްޖޭގެ ސަފީރު ތާރިގް އިބްރާހީމާއި ބައްދަލުކުރައްވައިފި

ޔޫއޭއީގެ ފުޖައިރާގެ ވަލީ އަހުދު ޝައިހް މުހައްމަދު ބިން ހަމަދު އަލް ޝަރްގީ، ރާއްޖެއާއި ކޮރެއާ އަދި ޖަޕާނުން ޔޫއޭއީއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުންނާ ވަކިވަކީން ބައްދަލުކުރައްވައިފިއެވެ.

އެމީރީ ކޯޓުގެ އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުންތަކުގައި ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ތާރިގް އިބްރާހީމާއި، ކޮރެއާގެ ސަފީރު ލީ ވޮން އިކް އާއި، ދުބާއީ އަދި އުތުރު އެމިރޭޓްސްތަކަށް ޖަޕާނުން ކަނޑައަޅާފައިވާ ކޮންސުލް ޖެނެރަލް ޓަކާޝީ މަނާބޭ ބައިވެރިވެފައިވެއެވެ.

Advertisement

ވަލީ އަހުދު ވަނީ ޒިޔާރަތްކުރެއްވި ޑިޕްލޮމެޓުންނަށް މަރުހަބާ ދަންނަވައި، އެ ބޭފުޅުންގެ މަސައްކަތްޕުޅުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މި ބައްދަލުވުންތަކުގައި ދެ ފަރާތުން ގުޅިގެން ޝައުގުވެރިވާ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށް، އެކި ރޮނގުތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ.

ޑިޕްލޮމެޓުން ވަނީ ލިބުނު ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކޮށް، ފުޖައިރާގެ ތަފާތު ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް