މިއަދު ހުށަހެޅި ބިލަކީ މިނިވަން ނޫސްވެރިކަމުގެ ހުރިހާ އުސޫލެއް މުގުރިގެންދާނޭފަދަ ނުރައްކާތެރި ބިލެއް: ނޫސްވެރިންގެ ޖަމިއްޔާ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހު...

13 Nov 2024 | 17:16

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ކަންކަމާ މެދު މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޖޭއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބިލްގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތައް އެޅިގެންދާނެކަމަށާއި އަދި މީޑިއާތައް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުން ނުވަތަ ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، އޭގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަރަށް ބޮޑަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާނެކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.

ބިލާއިމެދު އެ ޖަމިއްޔާގެ މައިގަނޑު ބޮޑެތި ކަންބޮޑުވުންތަކަކީ:

  • ކޮމިޝަންގެ އޮނިގަނޑު އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެންބަރުންގެ ތެރެއިން އަގުލަބިއްޔަތު މެންބަރުން ކަމަށްވާ ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ނަން ފޮނުވައިގެން އައްޔަން ކުރާ މެންބަރުން. މީޑިއާއިން އަމިއްލައަށް އިންތިހާބު ކުރަން ޖެހެނީ އެންމެ ތިން މެންބަރުން. މިކަމުގެ ސަބަބުން މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ސަރުކާރުގެ ބާރާއި ނޭދެވޭ ނުފޫޒުތައް ވަދެ މިހާރު މި އޮތް މިންވަރަށް ވެސް މިނިވަން މީޑިއާގެ ވެށި ގެއްލިގެންދާނެ.
  • ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ކޮމިޝަންގެ ރައީސަށް ދީފައިވާއިރު އެ މަގާމާއި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމެއް.
  • ބިލްގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާއިރު ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް.

މި ނޫން ވެސް އަދިވެސް ގިނަ މައްސަލަތައް އެ ބިލުން ފާހަގަވާކަން ހާމަކޮށް އެމްޖޭއޭއިން ބުނެފައިވަނީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ މީޑިއާތަކަށް އަމިއްލައަށް އެކަން ކުރާ ގޮތް ނުވަތަ ސެލްފް ރެގިއުލޭޓްރީ މެކޭނިޒަމްއަކަށް ބުރަވާ ގޮތަށްކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާކަމަށެވެ.

"އެއީ، މީޑިއާގެ މައިގަނޑު އެއް މަސައްކަތަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ބާރުވެރިންގެ މައްޗަށް ފާރަވެރިވެ އެ މީހުން ޒިންމާދާރުކުރުން، އެހެންކަމުން ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް،  އަދި މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒުވަތް ކޮންމެ ފަހަރަކު ވެސް މީޑިއާތަކާ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ގޮސްފައިވޭ" އެމްޖޭއޭއިން ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ ސެލްފް ރެގިއުލޭޓަރީ އުސޫލަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް އުސޫލުތައް އޮންނަ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ކާމިޔާބު ނިޒާމެއް ކަމަށާއި މިފަހުން ރާއްޖޭގައި އުފެއްދި ބާ ކައުންސިލަކީ ވެސް ކާމިޔާބު ކަމާ އެކު ހިނގަމުން އަންނަ އެފަދަ މިސާލެއްކަމަށެވެ. އެހެން ނަމަވެސް، ނޫސްވެރިންކަމާއި މީޑިއާތައް ރެގިއުލޭޓް ކުރަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަކީ މި ޖަމްއިއްޔާއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި އަދި މި ޖަމްއިއްޔާއިން އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ އެވެ. އަދި މި ބިލް ހުށަހެޅުއްވި މެންބަރު ވެސް އަދި ސަރުކާރުގެ ފަރާތުން ވެސް މި ބިލް އެކުލަވާލުމުގައި މި ޖަމްއިއްޔާގެ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ހޯދާފައި ނުވާކަމުގައިވެސް އެމްޖޭއޭއިން ބުނެފައިވެއެވެ.

"މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަކީ މި ހުރިހާ އުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެކެވެ." އެ ޖަމިއްޔާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި މިހާރު އޮތް މީޑިއާގެ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމްގައި މައްސަލަތަކެއް އުޅޭ ނަމަ އެކަން ހައްލު ކުރަން ވާނީ އެ ނިޒާމު އެކީ ގެއްލިގެން ނުދާ ގޮތަށް މިހާރު ހުރި އެ ނިޒާމުގެ މައްސަލަތައް ހައްލުވާނޭ ވަށާ ޖެހޭނޭ ގޮތަކަށްކަމަށާއި އެގޮތުން މީޑިއާ ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަދެބައި އޮންނަން ވާނީ މީޑިއާގެ އެކި ވަސީލަތްތަކާއި އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމްއިއްޔާތައް ތަމްސީލްވާ ގޮތެއްގައި ކަމުގައި އެ ޖަމްއިއްޔާއިން ގަބޫލުކުރާކަމަށެވެ. އަދި ދައުލަތާއި ސަރުކާރަށް ބާރުވެރިކަން ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނެއް އެކުލަވާލަން އެ ޖަމްއިއްޔާއިން އެއްވެސް ގޮތަކަށް ތާއީދެއް ނުކުރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް