މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއެކު އިޤުތިޞާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ދިވެހި ސަރުކާރާއި ދަ ނޭޗަރ ކޮންޒަރވަންސީ (ޓީއެންސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާގައި ސޮއިކުރީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ކުރިއަށްދާ 2024 ވަނަ އަހަރުގެ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް (ކޮޕް29) ގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މާލީ ވަޒީރު މޫސާ ޒަމީރު އާއި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްގެ އިތުރުން ޓީއެންސީގެ ގްލޯބަލް ޑިރެކްޓަރ މިސް މެލިސާ ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ޓީ.އެން.ސީ އާއެކު ޤާއިމުކުރާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤުބަލަކާ ދިމާއަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވި ގޮތުގައި ގުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުންހުރި ހައްލުތަކަށް ދެމެހެއްޓެނިވި ފައިނޭންސިންގ ހޯދުމަކީ އަޅުގަނޑުމެންގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ.
ހަމަ އެހެންމެ، މާލީ ވަޒީރު މޫސާ ޒަމީރުގެ ވާހަކަފުޅުގައި ކާބަން ފައިނޭންސިންގ އާއި، ކޮންޒަވޭޝަން ޓްރަސްޓް ފަންޑުތަކާއި އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތަށް މާލީ ވަސީލަތްތައް ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއެކު އިޤުތިޞާދު ކުރިއެރުވުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުއްވާލައްވައިފައެވެ.
މި ޕާޓްނާޝިޕް މެދުވެރިކޮށް ފަހިކުރެވޭ ފައިނޭންސިންގ ނިޒާމުތަކުން ފައިސާ ހޭދަކުރާނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، ރަށްރަށުގެ އިޤުތިޞާދު ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށެވެ. މި ޕާޓްނާޝިޕް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ އަލީގައި ދިވެހިރާއްޖޭގެ މެދުރާސްތާގެ މެކްރޯ-ފިސްކަލް ސްޓެބިލިޓީއާއި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
1951 ގައި އުފެދުނު ދަ ނޭޗަރ ކޮންސަރވަންސީ (ޓީއެންސީ) އަކީ ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސްދައުރެއް އަދާކުރާ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާއިން 70 އަށްވުރެ ގިނަ ޤައުމުތަކުގައި މަސައްކަތްކުރަމުންދަނީ ވެށި ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ކަންކަން ކުރިއެރުވުމަށެވެ. ޓީ.އެން.ސީ ން ވަނީ ތިމާވެއްޓާއި ރައްޓެހި ގްރީން ފައިނޭންސިންގެ އެހީގައި ބައެއް ގައުމުތަކުގެ ދަރަނި ކުޑަކުރުމުގެ މުއާމަލާތްތަކުގައި ކާމިޔާބު ކަމާއެކު މަސައްކަތްކޮށްފައެވެ. މި ގައުމުތަކުގެ ތެރޭގައި ގެބޮން، ބެލީޒް، ބާބަޑޮސް އަދި ސީޝެލްސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް