ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލްކުރުމަކީ ގަބޫލުފުޅުކުރައްވާ ހަމައެއްނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަން އޮފް ދަ މޯލްޑިވްސް (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އުފެއްދުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
އެ ބިލާއިމެދު ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނޫސްވެރިންނާއި މީޑިއާތަށް ޖޫރިމަނާ ކުރުމާއި ލައިސަންސް ހިފެހެއްޓުމުގެ ބާރު އަލަށް އުފައްދަން ހުށަހަޅާފައިވާ ކޮމިޝަނަށް ދީފައިވާއިރުއެ ކޮމިޝަން އެކުލަވާލާގޮތަށް ބަލާއިރު ހުށަހަޅާފައިވަނީ ހަތް މެންބަރުން ތިބޭ އެ ކޮމިޝަނަށް ހަތަރު މެންބަރަކު އައްޔަންކުރަން ނަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަނެއް ތިން މެންބަރުންނަކީ މީޑިއާތަކުން އައްޔަންކުރެވޭ ތިން މެންބަރުންނެވެ.
މި ބިލަށް އަމަލީ ސިފަ ގެނެސްފިނަމަ މިއީ މިނިވަން ނޫސްވެރިކަމުގައި ތަޅު އެޅުވުން ކަމުގައި ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާއިން ސިފަކުރެއެވެ.
މިކަމާއި ގުޅުވައި ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފުނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ ކަމަށެވެ.
މި ބިލު ހުށަހެޅުއްވި މެންބަރަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރެކެވެ. މި ބިލަށް ތާއީދުކުރާކަން ނުވަތަ ނޫންކަން ވެރިކަންކުރާ ޕާޓީ، ޕީއެންސީއިންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ހަމަޔެއްނޫން. މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު…
— Dr Mohamed Muizzu (@MMuizzu) November 13, 2024
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް