ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.
އެ ބިލަކީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު' ގެ ނަމުގައި އާ ގާނޫނެއް އުފައްދަން ހުށަހަޅާފައިވާ ބިލެކެވެ.
ބިލު ގާނޫނަކަށް ވުމުން، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވޭނެއެވެ.
އެ ބިލުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މީޑިއާ ކައުންސިލް އަދި ބްރޯޑް ކާސްޓިން ކޮމިޝަން އުވާލެވޭނެ ކަމަށާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި އުފައްދާ ކޮމިޝަނުގައި ތިބޭނީ 7 މެންބަރުން ކަމަށެވެ. އޭގެތެރެއިން 4 މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބާކީ 3 މެންބަރުންނަކީ މީޑިއާއިން އިންތިހާބުކުރާ މެންބަރުން ނަމަވެސް އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރުވެސް ލިބިދެނީ ރައީސުލްޖުމްހުރިއްޔާ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި, ތަރައްގީކޮށް, ދެމެހެއްޓުމަކީ އެ ގާނޫނުގެ މަގުސަދެކެވެ.
ބިލުގައި ބުނެފައިވަނީ ކޮމިޝަން އެކުލަވާލާ މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން, ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށެވެ.
ހަމައެއާއެކު މި ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު އުވިގެންދާނެއެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާއިން ފެށިގެން 18 ވަނަ މާއްދާގެ ނިޔަލަށް، 20 ވަނަ މާއްދާއިން ފެށިގެން 37 ވަނަ މާއްދާގެ ނިޔަލަށް އަދި 42 ވަނަ މާއްދާއިން ފެށިގެން 45 ވަނަ މާއްދާގެ ނިޔަލަށް އުވޭނެއެވެ.
އާ ކޮމިޝަނާ ގިނަ ޒިންމާތަކެއް ހަވާލުކޮށްފައިވާއިރު، މީޑިއާތަކާއި ނޫސްވެރިންގެ މަޝްވަރާގެ މަތިން، މީޑިއާތަކާއި ނޫސްވެރިން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް އެކުލަވައިލަން ވަނީ ހިމަނާފައެވެ.
އަދި ނޫސްވެރިންނާއި އެޑިޓަރުންގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި، ބްރޯޑްކާސްޓު ކުރުމާއި ފްރީކުއެންސީ ލައިސަންސާއި ނޫސް މަޖައްލާ ރަޖިސްޓަރީ ކޮށްދީ، މީޑިއާތަކުން ފަތުރާ މައުލޫމާތު މޮނީޓާކުރުން ފަދަ މަސްއޫލިއްޔަތުތައް ކޮމިޝަނާ މަތިކޮށްފައިވެއެވެ. އަދި ނޫސްވެރިކަން ކުރިއެރުވުމާއި ނޫސްވެރިއެއްކަން އަންގައިދޭ ފާހެއް ދޫކުރުމުގެ ޒިންމާ ވެސް ކޮމިޝަނާ ވަނީ މަތިކޮށްފައެވެ.
ސުލޫކީ މިންގަނޑު އެކުލަވައިލުމުން ތަކުރާރުކޮށް މިންގަނޑާ ޚިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި، ލައިސަންސް ހިފެހެއްޓުމާއި، މާފަށް އެދެން އެންގުން ފަދަ ބާރުތައް ވެސް ކޮމިޝަނަށް ލިބެއެވެ.
ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ޚިލާފުވެއްޖެ މީޑިއާއެއް ނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ރާއްޖޭގައި ނޫސްވެރިކަން ދެމެހެއްޓުމާއެކު، ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް