ސޯޝަލް ހައުސިންގެ 2100 ފްލެޓް ހިމެނޭހެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 15 މެގަ ޕްރޮޖެކްޓެއް އިއުލާނުކޮށްފިއެވެ.
ރޭގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓްތައް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެ ޕްރޮޖެކްޓްސްތަކުގެތެރޭގައި ހިމެނޭ ޕްރޮޖެކްޓްތަކަށް ބަލާލާއިރު ރަސްމާލެ ޕްރޮޖެކްޓާއި ސޯޝަލް ހައުސިންގެ ދެ ޕްރޮޖެކްޓަކާއި ރޯ ހައުސް ޕްރޮޖެކްޓަކާއި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ފެބް ގެތަކުގެ ޕްރޮޖެކްޓެއްވެސް ހިމެނެއެވެ.
އެޗްޑީސީއިން ބުނެފައިވާގޮތުގައި ރޯ ހައުސް ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 32 ޔުނިޓު އިމާރާތްކުރާނެއެވެ. އެ ރޯ ހައުސްތަކުގައި އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި ޕޫލް ހިމެނޭނެކަމަށް ބުނެފައިވެއެވެ.
ސޯޝަލް ހައުސިންގެ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި 2100 ފްލެޓް އަޅާނެކަމަށް ބުނެފައިވެއެވެ. އެ ފްލެޓްތަކުގެ ތެރޭގައި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ފްލެޓްތައް ހިމެނޭ ކަމަށާއި އަދި ވިޔަފާރިތަކަށް ފުރުސަތު ލިބޭގޮތަށް ކޮމާޝަލް ޔުނިޓުތައްވެސް ހަމަ އެ ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްގެންދާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ލަގްޒަރީ ވިލާތަކަށް ހާއްސަކޮށް ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ ޕްރޮޖެކްޓާއި ސަރުކާރު ކުންފުނިތަކަށް ހާއްސަ އޮފީސް އިމާރާތާއި ކޮމާޝަލް ސްޕޭސް ހިމެނޭގޮތަށް އެޗްޑީސީގެ ހެޑް އޮފީސް އިމާރާތް ކުރުމާއި އަދި ހަމަ އެހެންމެ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އެލްޑަލީ ކެއާ ފެސިލިޓީވެސް ރޭގައި އިފްތިތާހްކުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން 15 ޕާކިންގ އިމާރާތާއި ރޭސިން ޓްރެކަކާއި ޑްރިފްޓް ޓްރެކަކާއި ގޯ-ކާޓް ޓްރެކަކާއި ރޯލާ ސްކޭޓިންއާއި ވޯޓަރ ތީމް ޕާޚު ހިމެނޭހެން އެޑްވެންޗާ ޕާކެއް އެޅުމާއި ހުޅުމާލޭގައި ހިސްޓްރީ ސެންޓަރަކާއި ނޮލެޖް ޕާކެއްގެ އިތުރން ގަލުފަޅު ފަޅުތެރޭގައި "ނޫވެލި" ލަގްޒަރީ ގެތައް އެޅުމުގެ ޕްރޮޖެކްޓްވެސް އެޗްޑީސީއިން ރޭގައި އިފްތިތާހްކުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް