ސަރުކާރުން އުޅެނީ ބާރުތައް ޖަމާކޮށްގެން 2028ގެ އިންތިޚާބު ފޭރިގަންނަން: ރައީސް ޞާލިހު

މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ މިނިވަން މުއައްސަސާތަކަށް ބަދަލު ގެނެސްގެން، ބާރުތައް ޖަމާކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު 'ފޭރިގަންނަން' ކަމަށް ކ...

13 Nov 2024 | 03:31

މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ މިނިވަން މުއައްސަސާތަކަށް ބަދަލު ގެނެސްގެން، ބާރުތައް ޖަމާކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު 'ފޭރިގަންނަން' ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ 'ފުދިއްޖެ-ފުނޑިއްޖެ'ގެ ނަމުގައި އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އޭގެ ތެރެއިން އެއް މަސައްކަތަކީ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް ހިމެނޭހެން މެންބަރުންތަކެއް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެވެ. ދެވަނަ މަސައްކަތަކީ، އޭސީސީއާއި އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ ބިލުގެ މަސައްކަތެވެ.

ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ދަނީ ގާނޫނު އަސާސީގައި ބާރުތައް ވަކިކޮށްފައި ހުރި މިނިވަން މުއައްސަސާތައް މުށު ތެރެއަށް ލަމުން ކަމަށެވެ.

"ބޭނުމަކީ ކޮބައިތޯ؟ ބާރުތައް ޖަމާކޮށް ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރިގުކޮށް، ފޭރިގަތުން. ނަމަނަމަ އަޅުގަނޑުމެން އެ ފުރުސަތު ދީގެނެއް ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ އެފަދަ ބަދަލުތަކަށް ފުރުސަތު ދީ، އެކަމާ ދެކޮޅަށް ނުތެދުވެއްޖެ ނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޖެހޭއިރު ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

މި ސަރުކާރަކީ ޚުދުމުހުތާރު ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅިއިރު ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަތައް ހިފަހައްޓާފައި ނުވާ ކަމަށެވެ.

"ބާރުތައް ދޫކޮށްލުމަކީ ޚުދުމުހުތާރު ވެރިންނަށް ކުރަން ދަތި ކަމެއް، އުނދަގޫ ކަމެއް. ރައްޔިތުން ދެކެ ބިރު ގަންނާތީ އެކަން ކުރަން ނުކެރިގެން އުޅެނީ،" ޞާލިޙް ވިދާޅުވިއެވެ.

އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރުމަށް، ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާން ކުރާ ބިލުތައް މިމަހުގެ ފަހެއްގައި ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ. އަދި މުުއައްސަސާތަކުގެ މެންބަރުންތަކެއް ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ، އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް އިއްޔެ ވަނީ ފޮނުވައިފައެވެ.

މަޖިލީހަށް ހުށަހަޅާފައި ވަނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު އެ ކޮމިޝަނުގެ މެންބަރުކަމުން ވަކި ކުރުމަށެވެ. އަދި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދުގެ އިތުރުން، އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ޑރ. މުހައްމަދު ޒާހިރު ވަކިކުރުމަށް ހިމަނައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް