ތުރުކީގައި ބޮމުގެ ވަރުގަދަ ހަމަލާއެއް: ހަ މީހަކު މަރުވެ 80 އަށްވުރެ ގިނަ މީހުން ޒަޚަމް

ތުރުކީގެ ވެރިރަށް އިސްތާމްބޫލްގައި ވަރުގަދަ ބޮމެއް ގޮއްވާލައިފިއެވެ. ބޮމުގެ މި ހާދިސާގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަ މީހަކު މަރުވެ 80 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. ރާއްޖ...

13 Nov 2022 | 18:15

ތުރުކީގެ ވެރިރަށް އިސްތާމްބޫލްގައި ވަރުގަދަ ބޮމެއް ގޮއްވާލައިފިއެވެ.

ބޮމުގެ މި ހާދިސާގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަ މީހަކު މަރުވެ 80 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

ރާއްޖޭ ގަޑިން މިރޭ ގާތްގަނޑަކަށް 06:20 ހާއިރު ދިން މި ބޮމުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް އުފުލާފައިނުވިނަމަވެސް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވީ އެ ގައުމުން މިހާރު ފޮހެލާފައިވާ ގޮރިއްލާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ކުރްދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އަށް ނިސްބަތްވާ އަންހެން މެންބަރެކެވެ.

ބޮމުގެ މި ހަމަލާ ދީފައިވަނީ ފަތުރުވެރިންނާއި އާންމުންގެ މެދުގައި މަގްބޫލު ޝޮޕިންގް/ރެސްޓޯރެންޓް، ސަރަހައްދެއްކަމުގައިވާ އިސްތިކްލާލް ސަރަހައްދުގައެވެ.

"އެ އަންހެން މީހާ ގޮވާތަކެތި އަޅާފައިވާ ދަބަހެއް ބިންމަތީގައި ބަހައްޓާފައި ދިޔައީ، އިރުކޮޅެއް ފަހުން ގޮއްވާލީ" ބައިނަލްއަގްވާމީ މީޑިއާއެއްގައި ރިޕޯޓްކޮށްފައިވެއެވެ.

މި ހަމަލާ ހިނގިއިރު އެ ގައުމުގެ ރައީސް ތައްޔިބް އުރްދުޣާން ހުންނެވީ ޖީ-20 ސަމިޓަށް ވަޑައިގެން އިންޑޮނޭޝިޔާގައެވެ. އިންޑޮނޭޝިޔާގައި ހުންނަވައި، ރައީސް ވިދާޅުވީ މި ފިނޑި އަމަލު ހިންގި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

މި ފަދަ ނުރައްކާތެރި ހަމަލާއެއް ތުރުކީގައި ހިނގާފައިމިވަނީ ފަސް ވަރަކަށް އަހަރު ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް