ދާދި ފަހުން މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 33 މީހަކު އަދިވެސް ތިބީ ވަގުތީ ބޯހިޔާވަހިކަމުގައި ކަމަށާއި އެމީހުންނަށް މިހާތަނަށް 135،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދު ވެއްޖެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ދަންވަރު 12:27 ހާއިރު މ. ނިރުފެހީގައި ހިނގި މި އަލިފާނުގެ ހާދިސާގައި ދިހަ ބިދޭސީއަކު ވަނީ މަރުވެފައެވެ. އެއީ އިންޑިއާގެ މީހަކާއި ބަންގްލަދޭޝަށް ނިސްބަތްވާ އެކަކެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދަނީ 15 ބިދޭސީއަކާއި 18 ދިވެހީންނަށް ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ހަތް އަންހެނަކާއި އަށް ފިރިހެނެކެވެ. އެއީ އިންޑިއާއާއި ބަންގްލަދޭޝްގެ ރައްޔިތުން ތަކެކެވެ.
ދިވެހީންގެ ތެރޭގައި ހިމެނެނީ 12 އަންހެނަކާއި ހަ ފިރިހެނުންނެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވެއެވެ.
ވަގުތީ ބޯހިޔާވަހިކަމުގައި މިވަގުތު ތިބީ މި ހާދިސާގައި އަނދާ ހުލިވި ނިރުފެހި ގޭގެ މީހުންނާއި އެގެއާ އިންވެގެން ހުރި ގެތަކުގައި ދިރިއުޅެމުން ދިޔަ ބައެއް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް