ރ. އުނގޫފާރުގައި މިއަދު ހަވީރު ކުރިއަށް ދިޔަ އެ އަތޮޅު ފުޓްސަލް ކަޕްގެ ފައިނަލް މެޗު ބެލުމަށް ދަނޑަށް ގޮސް ތިބި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ހަމަނުޖެހުން ހިނގާފައި ވަނީ ރ. އިނގުރައިދޫއާއި އެއަތޮޅު ދުވާފަރު ޓީމުގެ ސަޕޯޓަރުންގެ ދެމެދުގައެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނަށް ވެސް އަނިޔާ ވެފައިވެއެވެ.
ހަމަނުޖެހުން ހިނގަން ފެށީ އިނގުރައިދޫން ތިން ލަނޑުގެ ކުރިއެރުމެއް ހޯދާފައި ވަނިކޮށް ދުވާފަރު ޓީމުގެ ބައެއް ސަޕޯޓަރުން ގަލާއި ފެންފުޅި އުކަން ފެށުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކަމުގެ ސަބަބުން ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި މައްސަލަ ހޫނުވެ، ބޮޑު ހަމަނުޖެހުމަކަށް ދިޔައީ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު އުނގޫފާރުގައި ކުޅުނު ރ. އަތޮޅު ފުޓްސަލް ކަޕްގައި، ދުވާފަރު/އިނގުރައިދޫ ބައްދަލު ކުރި ފައިނަލް މެޗުގައި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ހަމަނުޖެހުމުގައި އުމުރުން 14 އަހަރުގެ ކުއްޖަކަށާއި 39 އަހަރުގެ މީހަކަށް އަނިޔާވެގެން ފަރުވާ ހޯދާފައިވާ ކަމަށާއި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް