އިއްޔެއިން ފެށިގެން ލާމު މާންދޫގައި ތާ އަދި ލާމު އަތޮޅުގެ މަސްވެރިން ކުރަމުން އަންނަ މުޒާހަރާގައި އެ މުޒާހަރާގެ ބައިވެރިންނަށް ކުރިއެރުމެއް ލިބިއްޖެއެވެ.
އިއްޔެ ހެނދުނު އެ މުޒާހަރާ ފެށީ މާންދޫ މަސްވެރިންގެ އަތުން މަސް ގަނެފައި ފައިސާ ދިނުން ލަސްވާތީއާއި މާންދޫއިން ވިއްކާ ތެލުގެ އަގު ބޮޑުވާތީއެވެ.
އެ މުޒާހަރާގައި ތާ އަދި ލާމުއަތޮޅު ހިމެނޭހެން 24 މަސް ދޯންޏަކުން 300އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު އެ މަސްވެރިންގެ އެންމެ ބޮޑު ޝަރުތަކަށްވީ ނުލިބި ވާ ފައިސާ ލިބުމެވެ.
މަސް ދޯނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 20 މިލިޔަނުން މަތީގައި އުޅޭއިރު މިއަދު މަސްވެރިން އެންމެ ފަހުން ޑިމާންޑުކުރީ މުޒާހަރާގައި ބައިވެރިވާ ދޯނިތަކަށް ދޭން ޖެހިފައިވާ އަދަދު ކަމުގައިވާ އަށް މިލިޔަން ރުފިޔާ މިއަދުން މިއަދަށް ދިނުމަށެވެ. ނަމަވެސް އިރު އޮއްސުމާއި ހަމައަށް ހޮރައިޒަން ފިޝަރީޒް އިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.
ނަމަވެސް ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްސްގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް މާންދުއަށް ވަޑައިގެން މި މައްސަލައިގާ މަސްވެރިންނާއެކު މަޝްވަރާ ކުރެއްވިއެވެ. މަޝްވަރާގެ އެ ބައްދަލުވުމުގައި ހޮރައިޒަން އިން ވަނީ މާދަމާ އިރު އޮއްސުމުގެ ކުރިއަށް 8.6 މިލިޔަން ރުފިޔާ ދޯނިތަކަށް ދޭން އެއްބަސްވެފައެވެ.
ދުވަހަށް މައުލޫމާތުދެމުން އެތަނުން ދޯންޏެއްގެ ކެޔޮޅަކު ބުނީ މާދަމާ އިރު އޮއްސުމުގެ ކުރިއަށް އެ އަދަދު ޖަމާވާނެކަމަށް ހޮރައިޒަނުން ބުނި ކަމަށާއި މުޒާހަރާގެ ބައިވެރިން ދޯނިތަކުގައި މާންދޫ ފަޅުގައި މާދަމާގެ ނިޔަލަށް ތިބޭނެ ކަމަށެވެ. އަދި މާންދޫގެ އޮޕަރޭޝަންސްތައް އަލުން ފަށަންވާނީވެސް އެ ފައިސާ ދޯނިތަކަށް ލިބުމުން ކަމަށް މަސްވެރިން ޝަރުތު ކުރި ކަމަށާއި އެކަމަށްވެސް ހޮރައިޒަންއިން އެއްބަސްވިކަމުގައިވެސް އެ ކެޔޮޅު ބުންޏެވެ.
ތާ ލާމު މަސްވެރިންގެ މުޒާހަރާއަށް މިއަދު ދެ ދުވަސްވެފައިވާއިރު މިއަދު ހެނދުނުއްސުރެ އިރު އޮއްސެންދެން މާންދޫގައި މަސްވެރިން މުޒާހަރާ ކުރަމުންދިޔައެވެ. ތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުންދިޔައެވެ. ހެނދުނު މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގި ނަމަވެސް ފަހުން އެފަދަ ކަމެއް ހިނގާފައެއް ނުވެއެވެ. އެ ކުރިމަތިލުމުގައި ފުލުހަކަށް އަނިޔާ ލިބުނެވެ.
ތާ ލާމު މަސްވެރިންގެ މުޒާހަރާއަށް ހިތްވަރު ދިނުމުގެ ގޮތުން އެ މަސްވެރިންގެ އަނބިދަރިން މިއަދު ހަވީރު މާންދޫގެ މައި ގޭޓުގެ ކުރިމަތީގައި މުޒާހަރާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް