މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއަށް އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ޝިމާޒްގެ ސައިކަލަށް ގެއްލުންދިން ފޮޓޯއަކާއި އިންޒާރުގެ މެސެޖެއް ފޮނުވާފައިވާ މެސެޖެއް މިދިޔަ ހުކުރު ދުވަހު ޓްވީޓް ކުރައްވަމުން ޝިމާޒް ވަނީ، ދޮގު ތުހުމަތު އެޅުވުމަށް ފަހު ސައިކަލު ހަލާކުކޮށްލައި އިންޒާރުގެ މެސެޖުކޮށް އާއިލާއަށް ގުޅައި އިންޒާރުދޭން ފެށީ ކޮން ކަމެއް ނުވެގެންތޯ ސުވާލު ކުރައްވައިފައެވެ.
ޝިމާޒް ޓްވީޓް ކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ ސައިކަލުގެ މަޑި ވަނީ ތޫނު އެއްޗެއް އަޅައި ހަލާކު ކޮށްލާފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިމާޒަށް އިންޒާރުދިން މައްސަލަ ހުށަހަޅާފައި ނުވިޔަސް އެ އިދާރާގެ ސަމާލުކަމަށް އެކަން އައިސްފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.
ޝިމާޒްގެ މައްޗަށް ވަނީ ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ޝިމާޒު ވިދާޅުވީ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި ހުރިހާ ޒިންމާއެއް އަދާކުރައްވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް އެނގިވަޑައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް