އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން އިސް ދައުރުތަކެއް އަދާކުރި ގާނޫނީ ވަކީލް އަލްއުސްތާޛް މުޙައްމަދު ފަރީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.
ގާނޫނީ ވަކީލު ފަރީދަކީ ރައީސް ނަޝީދުވެ ވެރިކަމުގެ ކުރީއްސުރެ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ފަރާތެކެވެ. ހާއްސަގޮތެއްގައި ރައީސް ނަޝީދުގެ ވެރިކަން ފުރޮޅިގެން ގޮސް ދެން އެމްޑީޕީގެ އިސް ވެރިންނަށާއި މަޖިލިސް މެންބަރުންނަށާއި އާއްމު މެންބަރުންނަށް ދިމާވަމުންދިޔަ ކަންކަމުގައި ގާނޫނީ އެހީތެރިކަން ހިލޭ ސާބަހަށް ފޯރުކޮށްދިނުމުގައި ވަކީލު ފަރީދަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ.
"އެ ދުވަހު ފުލުހުން ރައީސް ނަޝީދު ހައްޔަރުކުރަން އެބަ އާދެއޭ ބުނީމަ އަޅުގަނޑާ ގާނޫނީ ވަކީލް ހަސީން އާ އެކަމުގައި ރައީސް ނަޝީދުގެ ދިފާއުގައި ނިކުތީ" ދުވަހަށް މައުލޫމާތުދެއްވަމުން އޭރުގެ ހަނދާންތައް އާކުރައްވަމުން ވަކީލް ފަރީދު ވިދާޅުވިއެވެ.
ދުވަހަށް މިއަދު މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ އަށެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ދައުވާ އުފުލި އެމްޑީޕީގެ އާއްމު އެތައް ސަތޭކަ މެންބަރުންގެ ހައްގުގައި އަގަކާނުލާ ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެމްޑީޕީގައި އޭނާގެ ހިސްޓްރީ ވަރަށް ބޮޑުވާނެ ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީއާ އަލުން ގުޅުނީމަ ބައެއް ފަރާތްތަކުން އެބަ ބުނޭ އެމްޑީޕީ އެންމެ ހާލުގައި ޖެހުނު ދުވަހު މީނަ ކޮބައިބާއޭ، އެމްޑީޕީއަކީ ބޮޑު ހިސްޓްރީއެއް އޮތް ޕާޓީއެއް، އެމްޑީޕީ އުފެދުނީކީ 2018އަކު ނޫން، އެމްޑީޕީ ސްޓަޑީ ކޮށްލީމަ އެނގިގެންދާނެ އަޅުގަނޑުމެން ކޮށްދީފަ ހުރި ހިދުމަތް" ވަކީލް ފަރީދު ފާހަގަކުރެއްވިއެވެ.
އެމްޓީސީސީގެ ބޯޑު މެންބަރުކަންވެސް ކުރައްވަމުންގެންދަވާ ފަރީދު އިތުރަށް ވިދާޅުވީ އެމްޑީޕީއާއި ދުރަށް ދިޔަ ނަމަވެސް އެމްޑީޕީއާއި ދެކޮޅަށް އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނޯންނާނެކަމަށާއި އަލުން އެމްޑީޕީއާއި ގުޅުނީވެސް ވަރަށް ރޫހުގައި ވަރަށް "ކިކުގައި" ކަމަށެވެ. ވަޑައިގަންނަވާނީ ކުރިއަށްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް