އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަޙްމަދު ޝަރީފުއާއި ނައިބު ރައީސް އަޙްމަދު އަކްރަމް، ވެރިކަން ކުރާ އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޝަރީފާއި އެ ކުންފުނީގެ ސޭލްސް ސެންޓަރުގެ ޖެނެރަލް މެނޭޖަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި އަކްރަމު އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހާޒިރުގައި މުލިއާގޭގައެވެ.
އެމްޑީޕީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ޝަރީފު އާއި އަކްރަމް އެ ޕާޓީއަށް ސޮއި ކުރައްވައިފިކަން ހާމަ ކުރައްވާފައެވެ. އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން އެމްޑީޕީއަށް ސޮއި ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އީސީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ޝަރީފު، އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ. އިސްތިއުފާ ދެއްވުމަށްފަހު ސްޓެލްކޯގެ އެމްޑީ ކަމުގެ މަގާމާ އެމަނިކުފާނު ހަވާލުވުވެވަޑައިގެންނެވީ މިއަހަރުގެ މާރޗު މަހުގެ 1ވަނަ ދުވަހުގައެވެ.
އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރަޓަރީ ކަމުގެ މަގާމު ފުރުއްވާފައިވާ އަކްރަމް އެމަގާމުން އިސްތިއުފާ ދެއްވީ 2015ވަނަ އަހަރު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް