ތާ ލާމު މަސްވެރިންގެ މުޒާހަރާގެ އެންމެ ކުރީ ސަފުގައި ހިތަދޫ ކައުންސިލް ރައީސް!

ތ އަތޮޅާއި ލ އަތޮޅުގެ މަސްވެރިން ހިމެނޭހެން ލ. މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުން އަންނަ މުޒާހަރައިގެ އެންމެ ކުރީ ސަފުގައި ހިތަދޫ ކައުންސިލު ރައީސް އިބްރާހިމް ޝ...

13 Nov 2022 | 11:01

ތ އަތޮޅާއި ލ އަތޮޅުގެ މަސްވެރިން ހިމެނޭހެން ލ. މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުން އަންނަ މުޒާހަރައިގެ އެންމެ ކުރީ ސަފުގައި ހިތަދޫ ކައުންސިލު ރައީސް އިބްރާހިމް ޝައްމޫން ވެސް ހަރަކާތްތެރިވަމުން އެބަ ގެންދަވައެވެ.

މަސް ކިރުވުމުން އަގު ދިނުން ލަސްވާތީ އާއި ތެލާއި އައިސް ވިއްކުން ލިމިޓު ކުރާތީ ކަމަށް ބުނެ ވިލާ ގްރޫޕުން ހިންގާ މާންދޫގައި މުޒާހަރާ ކުރަން މަސްވެރިން ފަށާފައިވަނީ އިއްޔެ ހެނދުނު 8:30 ހާއިރެވެ.

މި މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ އެ ރަށަށް ކިރުވާ މަހުގެ އަގު ލިބެން މަހެއްހާ ދުވަސް ނަގާ ކަމަށެވެ. އަދި ގިނަ ވެގެން ހަފްތާއެއްގެ ތެރޭގައި މަގު ލިބޭނެ ގޮތް ހަދައި ދިނުމަށް މަސްވެރިން ޑިމާންޑު ކުރަމުންދެއެވެ.

އަދި ސަރުކާރުން ވިއްކާ އަގުގައި މަސް ގަނެ ތެޔޮ ވިއްކުމަށް ވެސް މަސްވެރިން ގޮވާލާފައިވެއެވެ. އެގޮތުން މަސްވެރިން ބުނެފައިވަނީ އެމީހުންނަށް ވިއްކަނީ އެންމެ ޓައްޕެއްގެ އައިސް ކަމަށާއި ސަރުކާރުންވެފައިވާ ވައުދާއި އެއްގޮތަށް މާންދޫއިންވެސް އަމަލު ކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައި ދިނުމަށެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ކައުންސިލު ރައީސް އިބްރާހިމް ޝައްމޫން ވިދާޅުވީ ރަށެއްގެ އިޤްތިޞާދު ބިނާވެފައި ވަނީ މަސްވެރިންގެ މައްޗަށް ކަމަށާއި ހުރިހާ މަސްވެރިންނަށް ވެސް ލިބެންވާ ފައިސާ ހުރީ ނުލިބި ކަމަށެވެ.

"އެބޭފުޅުން ތިން ހަތަރު މަސް ދުވަސް ވަންދެން ކުރި މަސައްކަތުގެ އަގު މިހުރީ އަދާނުކޮށް. އެހެންވީމަ އެބޭފުޅުންނަކަށް ފިހާރައަކަށް ދައްކާނެ ލާރިއެއް ވެސް ކަރަންޓު ބިލުތަކާއި ޓިއުޝަންއަށް ދައްކާނެ ލާރިއެއް ވެސް ނޯންނާނެ. އެހެންވީމަ އެ ކަންބޮޑުވުން އަޅުގަނޑު އުފުލައި ދޭން ޖެހޭނެ. މިބޭފުޅުން އަޅުގަނޑު ހޮވާފަ މިހުރީ އެ އަޑު އުފުލަން" ޝައްމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ޝައްމޫން ވިދާޅުވީ އެ މުޒާހަރާގެ ކަންކަން ބައްލަވާލެއްވުމަށް އެ އަތޮޅުގެ ކައުންސިލް ރައީސް ވެސް މިއަދު ވަޑައިގެންނެވި ކަމަށާއި އެންމެން އެއްކޮށް މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި އެމްޑީއާ ވެސް ވާހަކަ ދެއްކެވި ކަމަށެވެ.

"މިހާރު ޓޯޓަލް މިތަނުގައި އެއްކޮށް އައުޓްސްޓޭންޑިންގް ޕޭމަންޓަކަށް އިނީ 21 މިލިއަން. އޭގެ ތެރެއިން 8.7 މިލިއަން މިހާރު މިތަނުގައި (ފަޅުގައި) ހުރި ދޯނި ފަހަރަށް ދެވޭތޯ މަޝްވަރާ ކުރީ." ޝައްމޫން ވިދާޅުވިއެވެ.

މިފަދައިން މަޝްވަރާ ކުރެއްވި ނަމަވެސް އެ އަދަދުވެސް ހަމަޖައްސައިދޭން އުނދަގޫ ކަމަށް އެމްޑީ ވިދާޅުވި ކަމަށް ވެސް ޝައްމޫން ވިދާޅުވިއެވެ. އެކަމާ މަސްވެރިން އިތުރަށް ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެ އަދަދު ހަމަޖައްސާ ދެއްވޭތޯ ބައްލަވާނެ ކަމަށް އެމްޑީ ވިދާޅުވި ކަމަށް ހިތަދޫ ކައުންސިލު ރައީސް ވިދާޅުވިއެވެ.

މިމައްސަލައިގަ ހޮރައިޒަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިންނާއި މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް