"ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރ" އަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްޓެލްކޯގައި އަލަށް ހުޅުވާފައިވާ "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ޒިޔާރަތްކުރައްވައި އެތަނުގައި...

13 Nov 2022 | 09:30

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްޓެލްކޯގައި އަލަށް ހުޅުވާފައިވާ "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.

ސްޓެލްކޯގެ ފަރާތުން މި ސެންޓަރު ހުޅުވާފައި ވަނީ ސަރުކާރުން ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުންނެވެ.

މި ސެންޓަރ ހުޅުވާފައިވަނީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.

"ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" ޤާއިމްކޮށްފައި ވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައެވެ. މިއީ އުމުރުން ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ. ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00 ހަމަޔަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރުވެސް 33 ކުދިން ވަނީ ރެޖިސްޓަރކޮށްފައެވެ. މި ސެންޓަރުގައި ޚިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ޚާއްޞަ ތަމްރީންތައް ލިބިފައިވާ ޤާބިލް ފަރާތްތަކެކެވެ. އަދި، މި ސެންޓަރ ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާޙައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މި ސިޔާސަތުތަކުގެ ދަށުން ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބޭނެގޮތާއި، އަދި ކޮންމެ ބައްޕައަކަށް މުސާރައާއެކު އެއް މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބޭނެ ގޮތް ފަހިކޮށްދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް