ޓީޖީއެސްޓީ ބޮޑުކުރަން ބަޖެޓުގައި ހިމަނާފައިވުން ރަނގަޅު، މެނޭޖު ކުރަން ފަސޭހަ ވާނެ: އެމްއެމްއޭ

އަންނަ އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ ބޮޑު ކުރަން ހިމަނާފައިވުމަކީ ރަނގަޅު ކަމަށާއި އެކަމުގެ ސަބަބުން ބޭރު ފައިސާ ގަނެވިއްކާ ރޭޓަށް އަންނަ ބަދަލު މެނޭޖު ކުރަން ފަސޭހަ ވާނެ ކަމަށް މަރުކަޒީ ބޭންކު (އެމް...

13 Nov 2022 | 09:18

އަންނަ އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ ބޮޑު ކުރަން ހިމަނާފައިވުމަކީ ރަނގަޅު ކަމަށާއި އެކަމުގެ ސަބަބުން ބޭރު ފައިސާ ގަނެވިއްކާ ރޭޓަށް އަންނަ ބަދަލު މެނޭޖު ކުރަން ފަސޭހަ ވާނެ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ފަންނީ ލަފާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް ހުށަހަޅާފައެވެ.

އެ ލަފާ ހުށަހަޅައިދެއްވަމުން މަރުކަޒީ ބޭންކުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަރުކަޒީ ބޭންކުގެ ސީނިއާ ރިސާޗު އެނަލިސްޓް މުހައްމަދު އިމްތިނާން ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓްގައި ހުރި ބައެއް ސިޔާސަތުތަކުގެ ސަބަބުން އިންފްލޭޝަން އަދި އެކްސްޗޭންޖް ރޭޓަށް ހެޔޮ ބަދަލުތަކެއް ވެސް ކުރާނެ ކަމަށެވެ.

އިމްތިނާންގެ ވާހަކަފުޅުގައި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ބޭރު ފައިސާއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމާއި، އެކަމުގެ ސަބަބުން ރިޒާވަށް ހެޔޮ އަސަރު ކުރުމުގެ އިތުރުން ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ކުރުމުން އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލު މެނޭޖްކުރަން ފަސޭހަވާނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.

"ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ތަކެތި ބަލްކުކޮށް އެއްފަހަރާ ގަތުމުން އެކަމަށް ކުރާ ހަރަދު ކުޑަކުރެވޭނެ" އިމްތިނާން ވިދާޅުވިއެވެ.

މީގެއިތުރުން ޓީޖީއެސްޓީ ބޮޑުކުރުމުން ރިޒާވަށް ވަންނަ ބޭރު ފައިސާ އިތުރު ކުރެވި އެމްއެމްއޭ އިން ހިންގާ އިންޓަވެންޝަން އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އެކްސްޗޭންޖް ރޭޓްގެ ޕްރެޝަރު ކުޑަކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް