ތާ ލާމު މަސްވެރިންގެ މުޒާހަރާ – ދެވަނަ ދުވަސް: މަސްވެރިންގެ ޑިމާންޑު ފުރިހަމަ ނުވަނީސް ހުއްޓާނުލާނެ !

ތ އަތޮޅާއި ލ އަތޮޅުގެ މަސްވެރިން ހިމެނޭހެން ލ. މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުން އަންނަ މުޒާހަރާގައި މަސްވެރިންގެ ޑިމާންޑު ފުރިހަމަ ނުވަނީސް މުޒާހަރާ ހުއްޓާނުލ...

13 Nov 2022 | 07:29

ތ އަތޮޅާއި ލ އަތޮޅުގެ މަސްވެރިން ހިމެނޭހެން ލ. މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުން އަންނަ މުޒާހަރާގައި މަސްވެރިންގެ ޑިމާންޑު ފުރިހަމަ ނުވަނީސް މުޒާހަރާ ހުއްޓާނުލާނެކަމުގައި މަސްވެރިން ބުނެފިއެވެ.

މަސްވެރިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއެކު ކުރިއަށްދިޔަ ކޮންފަރެންސް ކޯލެއްގައެވެ.

ކޮންފަރެންސް އެ ކޯލުގައި މަސްވެރިން ބުނީ ދޭން ޖެހޭ މުޅި ޖުމުލަ ފައިސާގެ އަދަދު 20 މިލިޔަނަށް އަރާއިރު މަސްވެރިންގެ ޑިމާންޑަކީ މިވަގުތު މުޒާހަރާގައި ބައިވެރިވަމުން އަންނަ ދޯނިތަކަށް ދޭންޖެހޭ 8.6 މިލިޔަން ރުފިޔާ މިއަދުން މިއަދަށް ދިނުމަށެވެ.

"އަހަރެމެން މި ތިބީ އެކި ދިމަ ދިމާއަށް ދަރަނިވެރިވެފަ، މިއީ ކުޑަ ކުންފުންޏެއް ކަމަށް ގަބޫލެއް ނުކުރަމު، އެ އަދަދު ނުދެވޭނެކަމަށްވެސް ގަބޫލެއް ނުކުރަމު، ޑިމާންޑް ފުރިހަމަ ނުވަނީސް ހުއްޓައެއް ނުލާނަން" ކޮންފަރެންސް ކޯލުގައި މަސްވެރިއަކު އެ ކުންފުނީގެ އެމްޑީއަށް އެ ހުށަހެޅުން ހުށަހަޅަމުން ބުންޏެވެ.

ނަމަވެސް ކުންފުނީގެ އެމްޑީ އެ ކޮންފަރެންސްގައި ފުރަތަމަ ބުނީ 8.6 މިލިޔަނަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި އެއް ފަހަރާ އެ އަދަދު ނުދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް މަސްވެރިންގެ ޑިމާންޑަށް ބަދަލު ނުގެނައުމުން އެ ކޯލް ނިންމާލީ "ގޮތެއް ހަމަޖެއްސޭތޯ ބަލާނެ"ކަމަށް ކުންފުނީގެ އެމްޑީ ވިދާޅުވުމުންނެވެ.

ތާ ލާމު މުޒާހަރާގައި މަސްވެރިންގެ ޑިމާންޑްތައް

  • ނުލިބި ވާ 20 މިލިޔަނުން 8.6 މިލިޔަން މިއަދުން މިއަދަށް ދިނުން
  • މާންދޫން ވިއްކާ ތެޔޮ، އަގު ތަފާތު ނުކޮށް ހެޔޮ އަގުގައި ލިބުން
  • ކުރިއަށް އޮތް ތާނގައި ގަންނަ މަހަށް ދޭން ޖެހޭ ފައިސާ ގިނަވެގެން ދެ ހަފްތާގެތެރޭގައި ދިނުން

މި ޑިމާންޑްތަކާއެކު ތާ ލާމުގެ މަސްވެރިން އިއްޔެ އަދި މިއަދު މުޒާހަރާ ކުރަމުން އަންނައިރު މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތައް ފުރިހަމަ ނުވަނީސް އެ ފެކްޓަރީގެ އޮޕަރޭޝަންތައް ކުރިއަށް ނުގެންދިއުމަށްވެސް މަސްވެރިން ޑިމާންޑްކޮށްފައިވެއެވެ. އެ ޑިމާންޑަށް އެ ފެކްޓަރީންވެސް އަންނީ އިޖާބަ ދެމުންނެވެ.

މި މުޒާހަރާގައި 21 ދޯންޏަކުން 300އެއްހާ މަސްވެރިން ބައިވެރިވަމުން އަންނައިރު މިއަދު ހެނދުނު މާންދޫގެ މަސްރަހު ކުޑަކޮށް ގޯސްވެގެންދިޔައެވެ. އެ މަސްރަހު ގޯސްވެގެންދިޔައީ އެ ފެކްޓަރީގެ އިދާރީ އޮފީހަށް މުޒާހަރާގެ ބައިވެރިން ވަންނަން އުޅުމުން އެކަށް ފުލުހުން ހުރަސް އަޅައި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖެހުމުންނެވެ. އެ ކުރިމަތިލުމުގައި ފުލުހަކަށް އަނިޔާވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް