އެހެން ދީންތަކުގެ ޝިއާރު ފާޅުކުރާ މައްސަލައިގައި އެލްޖީއޭއާ ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީގެ އެންގުމެއް

އެހެން ދީންތަކުގެ ޝިއާރު ފާޅު ކުރާ މައްސަލައިގަ އިސްލާމިކް މިނިސްޓްރީން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކަށް ހާއްސަ އެންގުމެއް ނެރެފިި އެވެ. މި އެންގުން ނެރެފައި މިވަނީ އައްޑޫ ސ...

13 Nov 2022 | 05:27

އެހެން ދީންތަކުގެ ޝިއާރު ފާޅު ކުރާ މައްސަލައިގަ އިސްލާމިކް މިނިސްޓްރީން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކަށް ހާއްސަ އެންގުމެއް ނެރެފިި އެވެ.

މި އެންގުން ނެރެފައި މިވަނީ އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއުއެއް ފެށުމަށް ހިންދޫ ދީނުގެ އަޅުކަމެއް ކޮށްފައިވާ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ. އެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވަނީ ރާއްޖެއަކީ ގިނަ ޢަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ އަދި، ފަތުރުވެރިންގެ ގޮތުގައިވެސް ގިނަ ޢަދަދެއްގެ ބޭރުމީހުން ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ ގައުމެއް ކަމަށެވެ.

މިނިސްޓްރީން ބުނީ ރާއްޖެ އަންނަ މީހުންނަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާބެހޭ ޤާނޫނުގެ ޤަވާއިދުތަކަށް ފުރިހަމައަށް އިޙުތިރާމުކުރުމަށް، އިރުޝާދު ދިނުމަކީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށެވެ. އެ ގާނޫނުގެ ދަށުން ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުމާއި، ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.

އަދި ރާއްޖޭގެ އެއްވެސް ޢާއްމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާއި ބެހޭ ޤަވާއިދާ އެއްގޮތަށް، އާއްމު އިޖްތިމާޢީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނާ ބިދޭސީ މަސައްކަތްތެރިންނަށް ކައުންސިލްތަކުން އިރުޝާދު ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އައްޑޫގައި ހިނގި ހާދިސާގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅާފައި އެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް