މާންދޫގައި މަސްވެރިން ކުރާ މުޒާހަރައިގައި ފުލުހަކަށް އަނިޔާވެއްޖެ

ލ. މާންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާވެއްޖެ އެވެ. އެ ރަށުގައި މަސް ފެކްޓްރީ ހިންގަނީ ވިލާ ގްރޫޕުގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒްއިންނެވެ. އެ ކުންފުންޏާއި ދެކޮޅަ...

13 Nov 2022 | 04:36

ލ. މާންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާވެއްޖެ އެވެ.

އެ ރަށުގައި މަސް ފެކްޓްރީ ހިންގަނީ ވިލާ ގްރޫޕުގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒްއިންނެވެ. އެ ކުންފުންޏާއި ދެކޮޅަށް އިއްޔެއިން ފެށިގެން މުޒާހަރާ ކުރަމުންދަނީ އެ ފެކްޓަރީއަށް މަސް ކިރުވާ ތ. އަދި ލ. އަތޮޅުގެ މަސްވެރިންނެވެ.

ގާތްގަނޑަކަށް 36 ދޯނި ބައިވެރިވާ މި މުޒާހަރާގައި ހަމަ ނުޖެހުމެއް ނުހިންގި ނަމަވެސް މަސްވެރިން މަސައްކަތް ކުރަމުންދަނީ އެ ރަށުގައި ހުންނަ ހޮރައިޒަންގެ އޮފީހަށް ވަދެ. ވެރިންނާއި ބައްދަލު ކުރުމަށެވެ. އެކަމަކު އެ އޮފީސް ދޮރުތައް ކައިރީ ފުލުހުން ތިބުމުން އިއްޔެއިން ފެށިގެން އެމީހުންނަށް އެކަން ކާމިޔާބުވާގޮތެއް ނުވެ އެވެ.

މުޒާހަރާގައި ބައިވެރިވާ މަސްވެރިއަކު "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ ފުލުހަކަށް އަނިޔާވީ އެމީހުން ހޮރައިޒަންގެ އޮފީހަށް ވަނުމަށް ހުރަސް އެޅުމުން ހިނގި ކުރިމަތި ލުމުގެ ތެރޭގައި ކަމަށެވެ. މި ކުރިމަތިލުމުގައި ފުލުހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާއިން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

މުޒާހަރާގައި ބައިވެރިވާ މަސްވެރިން ބުނަމުންދަނީ މިހާރު މާންދޫއަށް ވިއްކާ މަހަށް އަގު ލިބެން މަހެއްހާ ދުވަސް ނަގާ ކަމަށެވެ. ތެޔޮ ވިއްކަނީ އަގުބޮޑުކޮށް ކަމަށާއި އައިސްވެސް ވިއްކަނީ ލިމިޓުން ކަމަށް ބުނެ ޝަކުވާކޮށްފައިވެ އެވެ.

އެމީހުންގެ ޑިމާންޑަކީ އައިސްގެ ލިމިޓު އުވާލައި، ތެޔޮ ސަރުކާރުން ވިއްކާ އަގުގައި ވިއްކުމެވެ. އަދި ވިއްކާ މަހަށް ގިނަ ވެގެން ހަފްތާއެއްގެ ތެރޭގައި އަގު ދިނުމެވެ. ބައެއް މަސްދޯނިތަކުން ބުނީ އެ ދޯނިތަކުން މަސް ކިރުވައިގެން ލިބެންޖެހޭ ލައްކައެއްހާ ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

މި މައްސަލައިގަ ހޮރައިޒަންއިން އެއްޗެއް ހާމަކޮށްފައި އެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް