ކަނޑުފަޅުގެ ފައިދާ އެހެން ޤައުމަކަށް ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ޝައިހް ޒައިދު

ދިވެހިރާއްޖޭގެ ކަނޑުފަޅުން ލިބޭ ފައިދާ އެހެން ޤައުމަކަށް ދިއުމަކީ ވަރަށް ބޮޑު ކަން ބޮޑު ވުމެއް ކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ އައް ޝައިހް އަލީ ޒައިދު ވިދާޅު ވެއްޖެއެވެ. ޒައިދު މިހެން ވި...

13 Nov 2021 | 16:36

ދިވެހިރާއްޖޭގެ ކަނޑުފަޅުން ލިބޭ ފައިދާ އެހެން ޤައުމަކަށް ދިއުމަކީ ވަރަށް ބޮޑު ކަން ބޮޑު ވުމެއް ކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ އައް ޝައިހް އަލީ ޒައިދު ވިދާޅު ވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓުތައް ކުރަހައި ވިއްކުމާ ބެހޭގޮތުން ހެދި ހައިޑްރޯގްރަފީ އެއްބަސްވުން ހެދީ އިންޑިއާއަށް ފައިދާ ލިބޭ ގޮތަށް ކަމަށް އެމްއެންޑީއެފް އިން ހާމަ ކުރުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވާ ކުރެއްވި ޓްވީޓެއްގައި  އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރައްވައެވެ.

އެގޮތުން ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި، ރާއްޖޭގެ ކަނޑުފަޅުގެ ފައިދާ އެހެން ޤައުމަކަށް ދިނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައެވެ. އަދި ވަގުތީ ފައިދާ އަކަށް ނަމަވެސް އެފަދަ ކަންކަމަކީ އެެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރާއްޖެ އަކީ މިނިވަން މުސްތަގިއްލު ގައުމެއްކަން އެންމެންވެސް ހަދާން ބަހައްޓަންޖެހޭ ކަމުގައި ޒައިދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/alizaid1000/status/1459486428077834243

މި އެއްބަސްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ފަރާތުން ވިިދާޅުވެފައި ވަނީ އެއްބަސްވުން ގާއިމްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގެ ދަށުން ކަމުގައެވެ. އިތުރަށް ވިދާޅުވި ގޮތުގައި އޭރު ދެ ޤައުމުން އެއްބަސްވީ ދެ ޤައުމުން ހަމަހަމަ އުސޫލުން ފައިދާވާނެ ގޮތަކަށެވެ.

ނަމަވެސް މި އެއްބަސް ވުމުގައި ވާ އެންމެ ބޮޑު ކަންބޮޑު ވުމަކީ ރާއްޖޭގެ ކަނޑުފަޅުގެ މަޢުލޫމާތު އެހެން ޤައުމު ތަކަށް ވިއްކައިގެން އިންޑިއާ އަށް މާލީ ގޮތުން ބޮޑު ފައިދާ އެއް ލިބޭ ގޮތަށް އެކުލަވާލާފައި އޮތުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް