ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހުޅުވުމާއި އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހިމެނޭހެން ހަތް އަހަރުގެ މުއްދަތަކަށް ހައުސިންގ މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް ޔާމީންގެ ލީޑާޝިޕާއި ތަސައްވުރަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
މާލޭ ސިޓީގެ މޭޔަރު ކަމާއި ޕީޕީއެމްގެ ނައިބު ރައީސް ކަން ކުރައްވާ ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަޝްރޫޢު ޕްލޭންކޮށް، ސޮއިކޮށް، އަމަލީ މަސައްކަތްތައް ފަށާފައިވަނީ 2017 ވަނަ އަހަރުގައި ކަމަށެވެ.
އެގޮތުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ މަޝްރޫޢަށް އަމަލީ ސިފަ ގެނައުމުގެ %80 ނިމިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އެ މަސައްކަތް ލަސްވުމަށް ފަހު މަސައްކަތް ނިމި ހުޅުވުނީ އަދި ކިރިޔާ ކަމުގައި ވިދާޅުވިއެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވިސްނުންފުޅާއި ތަސައްވުރާއި ލީޑާޝިޕަށް ޝުކުރު އަދާ ކުރައްވާ ކަމުގައެވެ.
ފެން އަރުވާ ވަޑާން ހަދާފައިވަނީ ތަފާތު އެކި ކުލަތަކުން ދިއްލޭ ގޮތަށެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވާ ގޮތުގައި 20021 އަކަފޫޓުގެ ފެންއަރުވާ ވަޑާމުގައި މިއުޒިކާއި ލައިޓާއި އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ހިނގާ އިރު 15 މީޓަރާއި ހަމައަށް ފެންގަނޑު ހިއްލޭނެއެވެ.
މި ފެންއަރުވާ ވަޑާން ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
ފެންއަރުވާ ވަޑާން ހަދާފައިވަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ “އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް” އިންނެވެ. މި މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް