ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އާއި ސްވިޓްޒަލެންޑް މެޗު އެއްވަރުވެގެން ނިމިއްޖެ

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ޔޫރަޕުގެ ޗެމްޕިއަން އިޓަލީއާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ކޮލިފައިންގެ ގްރޫޕް ސީގައި ހިމެނޭ އިޓަލީ އާއި ސްވިޓްޒަލެންޑް ބަ...

13 Nov 2021 | 03:42

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ޔޫރަޕުގެ ޗެމްޕިއަން އިޓަލީއާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް ސީގައި ހިމެނޭ އިޓަލީ އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޓަލީގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސްވިޓްޒަލެންޑުންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިލްވަން ވިޑްމާއެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އިޓަލީން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނިއާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އިޓަލީއަށް ކާމިޔާބު ކޮށްދިނީ ޖިއޮވާނީ ޑި ލޮރެންޒޯއެވެ.

މި މެޗުގެ ފަހުވަގުތު ލީޑު ނަގަން އިޓަލީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ޓީމުގެ ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އިޓަލީއަށް ލިބުނު މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން އިޓަލީގެ ޑޮމެނިކޯ ބެރާޑީއަށް ކުރި ފައުލަކަށް، ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

ރޭގެ މި ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނައިގައި އޮތް އިޓަލީ އާއި ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފައެވެ.  އިޓަލީއަށް ގުރޫޕުގެ ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް