ބްރެޒިލުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް އަލުން އެނބުރި އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއާއި ގުޅިއްޖެއެވެ.
ޑެނީ އަލްވޭސް އަލުން އެނބުރި ބާސާއާއި ގުޅިފައިވާ ކަން ބާސާއިން ކަށަވަރު ކޮށްދިން އިރު، އަލްވެސް އަލުން އެނބުރި ބާސާއާއި މި ގުޅުނީ އެކުލަބު ދޫކޮށްފައި ދިޔަތާ ފަސް އަހަރުފަހުންނެވެ.
އަލްވޭސް ބާސާ އާއި ގުޅުނީ އެޓީމުގެ އައު ކޯޗު ޒަވީގެ އެދުމުގެ މަތިންނެވެ. ބާސާއާއި އަލުން ގުޅުނު އަލްވޭސް ބާސާއާއި އާއި އެކު ދެ އަހަރުގެ އެއްބަސްވުމެއްދައި ސޮއި ކުރާއިރު، މި އެއްބަސް ވުމާއި އެކު އޭނާ 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުލަބުގައި މަޑުކުރާނެއެވެ.
ހިލޭ ޓްރާންސްފާއެއްގެ ދަށުން އަލްވޭސް ބާސާއާ ގުޅުނު ނަމަވެސް ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އަލްވޭސްއަށް ބާސާއަށް ރަސްމީ މެޗެއް ކުޅެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ނަމަވެސް އަންނަ ހަފުތާއިން ފެށިގެން އަލްވޭސް ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެއެވެ.
މިހާރު އުމުރުން 38 އަހަރުގެ އަލްވޭސް އަކީ މީގެ ކުރިން ބާސާއަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އަލްވޭސް 2008 އިން 2016 އަށް ބާސާއަށް ކުޅެދިންއިރު، އޭނާ ވަނީ ބާސާއާއެކު 23 ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.
އަލްވޭސް ވަނީ އޭނާ ބާސާގައި ހޭދަކުރި ނުވަހަރުގައި އެޓީމަށް 391 މެޗު ކުޅެދީ 21 ލަނޑު ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް