އަނެއްކާވެސް ދައްކާލަން މިއުޅެނީ ކ.ނ.ކ ގެ ވާހަކަ އެވެ. މި އަހަރުގެ ޖުލައި މަހުގައިވެސް މި ނޫހުގައި ހަމަ މި ކ.ނ.ކ އެއްގެ ވާހަކަ ވާނީ ދެކެވިފަ އެވެ. ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ، ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.
އެ ޕޯސްޓްގައި އަޝްރަފް ވިދާޅުވެފައިވަނީ ކަރުންމަތީ ޑަކުޓަރުންނެއް ނުތިބޭނެ ކަމަށެވެ. ތިބޭނީ ކ.ނ.ކ ޑޮކްޓަރުން ކަމަށެވެ. އިނގިރޭސި އަކުރުން ނަމަ އީ.އެން.ޓީ ރަމްޒުކޮށްދެނީ އިއަރ، ނޯސް އަދި ތުރޯޓު ކަމުގައިވާއިރު ދިވެހި ބަހަށް ތަރުޖަމާ ކޮށްފިނަމަ އެއީ ކަންފަތް، ނޭފަތް އަދި ކަރު ކަމަށް އަޝްރަފްގެ އެ ޕޯސްޓްގައި ބުނެފައި ވެ އެވެ. އެއީ މި އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު ކޮށްފައިވާ ޕޯސްޓެކެވެ.
އެ ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވާއިރު އަޝްރަފްގެ މި ރައުޔު އާއި އެއްކޮޅަށް ކޮމެންޓު ކޮށްފައި ހުރީ އިނގިލި ކުރިން ގުނާލެވޭހާ މަދު އަދަދެއްގެ ބައެކެވެ.
އަނެއްކާވެސް ހަމަ މިވާހަކަ ދައްކާލަން މި ޖެހުނީ މީގެ ދެ ދުވަސް ކުރިން އާސަންދަ ކުންފުނިން މީޑިއާތަކަށް ފޮނުވި ހަބަރެއް މި ނޫހުގައި ޝާއިޢު ކުރުމުގައި މި ނޫހުން ބޭނުންކުރި ސުރުހީގައި "ކ.ނ.ކ ބަލިތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި" ލިޔުމުން ގިނަ ބައެއްގެ ފާޑުކިޔުން މި ކަމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެކަޑެމީގެ ރައީސް ކުރިން ފޭސްބުކަށް ދޫކުރެއްވި ޕޯސްޓް އަލުން ފޭސްބުކަށް ދޫކޮށްލުމުންނެވެ.
އެކަޑެމީގެ ރައީސްގެ ޕޯސްޓަށް މި ފަހަރުވެސް މުޅިންހެން ހުރީ އިދިކޮޅު ކޮމެންޓެވެ. އެ ކޮމެންޓްތަކުގައި ގިނަ ބަޔަކު އެއް ކަމެއް އެބަ ފާހަގަ ކުރެ އެވެ. އެއީ އިނގިރޭސި ބަހުގައި "ނެކް" މި ބަހުގެ ދިވެހި މާނައަކީ ކަރު ކަމާއި "ތުރޯޓް" ގެ މާނައަކީ އަރު ކަމަށް ބުނެ ކުރާ ކޮމެންޓެވެ. މިގޮތަށް ކޮމެންޓް ކުރާ މީޙުންގެ ބަހުސަކަށް ވެފައި އޮންނަނީ އީ.އެން.ޓީ ދިވެހި ބަހަށް ތަރުޖަމާ ކުރާރު ޓީ ރަމްޒު ކޮށްދެނީ ތުރޯޓުކަމުގައިވާއިރު، ތުރޯޓުގެ މާނައަކީ އަރު ކަމުގައިވާއިރު ދިވެހިން ކިޔާއިރު ކ.ނ.ކ ކަމުގައި އަޝްރަފު ވިދާޅުވާއިރު އަރުގެ ބަދަލުގައި ކަރު އަންނަންވީ ސަބަބަކީ ކޮބައިތޯ ކުރާ ސުވާލެވެ.
މިކަން ކިތަންމެ ބޮޑު ބަހުސަކަށް ދިޔަ ނަމަވެސް އަދި ކިތަންމެ ބަޔަކު މިކަމާއި ދެކޮޅަށް ބަހުސް ކުރި ނަމަވެސް އެކަޑެމީގެ ރައީސްގެ ހުންނެވީ ގޮތް ދޫކުރައްވާ ގޮތަށް ނޫންކަން އޭނާގެ ރައްދުތަކުން ހާމަވެ އެވެ. އެގޮތުން އަޝްރަފް ދީފައިވާ އެއް ރައްދުގައި ވިދާޅުވެފައިވަނީ މިއީ ބަޔަކު އިއްޔެ ހަދައިގެން އުޅޭ ލަފުޒެއް ނޫން ކަމަށެވެ. މީގެ 25ވަރަކަށް އަހަރުކުރިން އާންމުވެފައިވާ ލަފުޒެއް ކަމަށެވެ.
"އަދި ކިރިޔާ ތޯއްޗެއް ބަޔަކަށް މި އެނގުނީ ވެސް. އޮތް އެއްޗެއް އޮތް ގޮތަށް ދަންނަވައިލީ. ދިވެހިބަހުގައި ވެސް E.N.T އަށް ކިޔާނެ ޚާއްޞަ ލަފުޒެއް އޮތްކަން މި އެނގެނީ. ލޮލުގެ ޑަކުޓަރު ވެސް ވާނީ ކަރުންމަތީގެ މީހަކަށް. އެކަމަކު ކ.ނ.ކގެ ޑަކުޓަރަކަށް ނުވާނެ ދެއްތޯ!! މީ މި ވާ ގޮތަކީ" ރައްދެއްގައި އަޝްރަފް ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް