ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއްގައި ދިވެހި ފުލުހަކު ޓްރެފިކް ބެލެހެއްޓުމުގައި - އާކައިވް ފޮޓޯ: ދުވަސް
ދިވެހިރާއްޖޭގެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރު ގަދަވެ،
ކަނޑުގަދަވެ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެވުމާއެކު
ކަނޑުތައް ގަދަވެ ވިއްސާރަ ކުރުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ
އަސަރު ކުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލަފާކޮށްފައިވާތީ މޫސުމަށް
ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންމެހާ ރައްޔިތުންނަށް ދިވެހި
ފުލުހުން އިލްތިމާސްކޮށްފިއެވެ.
އެކަން ހާމަކޮށް މިއަދު ފުލުހުން ބުނެފައިވަނީ މޯލްޑިވްސް
މީޓިއޮރޮލޮޖިކަލް ސަރވިސް އިން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު 13 އިން 17 ވަނަ
ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށާއި ވީމާ، މޫސުމަށް ސަމާލުވެ، އަމިއްލަ ރައްކާތެރިކަމަށްޓަކައި
އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންމެހާ ރައްޔިތުންނަށް ދަންނަވާކަމަށެވެ.
"ވަކިން ޙާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން
މެޓް އޮފީހުން ނެރެމުންދާ މޫސުމީ އިންޒާރުތަކަށް ސަމާލުވެ، އެކަންކަމާ ގުޅޭ އަދާހަމަ
މައުލޫމާތު ހޯދައިގަތުމަށް އިލްތިމާސްކުރަން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ފާހަގަކޮށްފައިވާގޮތުގައި ރައްކާތެރިކަމުގެ
ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރެވިދާނެ ބައެއްކަންކަން:
ކަނޑުދަތުރުކުރާ ފަރާތްތަކާއި، ފެރީ އޮޕަރޭޓަރުންނާއި،
ދަތުރުވެރިން، ވަޔާއި ކަނޑު ގަދަ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ނުކުރެއްވުން.
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މޫސުމާބެހޭ
އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީންކުރުން.
ވާރޭ ވެހޭއިރު މަގުމަތި ތެމި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށް
ސަމާލުވުމާއި، ދުރު ފެންނަ މިންވަރު ކުޑަވުމަކީ އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވާ
ކަމަކަށް ވުމާއެކު، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުން.
މޫސުމާބެހޭ އިންޒާރުތަކަށް ސަމާލުވެ، ކަމާބެހޭ އިދާރާތަކުން
ނެރޭ އިރުޝާދުތަކަށް އަމަލުކުރުން.
އުދައިގެ އަސަރު ކުރާ ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން،
އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
މޫސުމާ ގުޅިގެން ކުރިމަތިވެދާނެ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ދިވެހި
ފުލުހުންގެ ޚިދުމަތުން ވަނީ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ
އިންތިޒާމުތައް ހަމަޖައްސާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.
ކުއްލި ހާލަތެއް ކުރިމަތިވެ ނުވަތަ ފުލުހުންގެ އެހީތެރިކަން
ބޭނުންވެއްޖެނަމަ، 911 އަށް ގުޅުއްވުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް