ނާއިފް ޝައުކަތާއި ހަސަން ވަހީދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

މާލެއިން ބިމެއް ވިއްކި މައްސަލައެއްގައި ހައުސިން މިނިސްޓްރީގެ ކުރީގެ އިސް ދެ ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ...

13 Oct 2024 | 13:29

މާލެއިން ބިމެއް ވިއްކި މައްސަލައެއްގައި ހައުސިން މިނިސްޓްރީގެ ކުރީގެ އިސް ދެ ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

އެގޮތުން އޭސީސީއިން މިއަދު ބުނެފައިވާގޮތުގައި މި މައްސަލައިގާ ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ) ޟިނިސްޓަރު، ކ. މާލެ، ހ. އޮގަސްޓާ، ނާއިފް ޝައުކަތާއި އެ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު، މާލެ، ދަފްތަރު ނަމްބަރު 12537، ހަސަން ވަހީދުގެ މައްޗަށެވެ.

އެ ދެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށްއެދި ފޮނުވާފައިވަނީ މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ، 2018 ވަނަ އަހަރު އެ މިނިސްޓްރީން ހުށަހަޅާފައިވާ މައްސަލައިގައެވެ.

"އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތައް، އެ ނިންމުން އެގޮތަށް ނިންމާފައިވަނީ އޭރު އަމަލު ކުރަމުންދިޔަ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލާ ހިލާފަށް، އިންވެގެން އޮތް ގޯތީވެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެ ބިން ގަންނަން އެދިފައިވަނިކޮށް، އެ އުސޫލު އިސްލާހުކުރަމުންދާކަމަށްބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް" އޭސީސީއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެ އުސޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެލެނިވެރިންނާއި ވާރިސުން ދިރިއުޅުމުގެ ހާލަތު ވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ތަހުގީގަށް ހޯދި ހެކިތަކުން އެނގޭ ކަމަށާއި އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަންވެސް ތަހުގީގަށް އެނގިފައިވާކަމަށް އޭސީސީއިން ބުނެފައިވެއެވެ.

އޭސީސީއިން އިތުރަށް ބުނެފައިވަނީ ޖުމްލަކޮށް، ހަސަން ވަހީދާއި ނާއިފު ޝައުކަތު އަމަލުކޮށްފައިވާގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް އަމަލުކޮށްފައިވަނީ އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކަމާއި، އެ އަމަލުތަކުގެ ސަބަބުން އެ ފަރާތަށް ނާޖާއިޒް މަންފާއެއް ހޯދައިދެވިފައިވާކަން ތަހުގީގަށް ހޯދި ހެކިގަރީނާއިން އެނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް