މާލޭގެ މަގުތަކުގައި ޤާއިމްކުރާ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެގޮތުން މާލެގެ މަގުތަކުގައި ފެން ހިންދުމަށް ވަގުތީ ނިޒާމެއް ޤާއިމްކުރުމަށް މި އަހަރުގެ މޭ މަހުގައި ސަރުކާރުން ފެށި މަސައްކަތުގެ ދަށުން، މާލޭގެ ހަ ސަރަހައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމް ތަކެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ.
އަދި ވެސްޓް ޕާކް ސަރަހައްދާއި، އައިޖީއެމްއެޗް އަދި ވިިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ޤާއިމްކުރާ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.
މާލޭގެ މަގުތަކުގައި ފެންހިންދުމުގެ މަސައްކަތްތަކާއި ގުޅިގެން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، މިރޭ މޫސުން ތަންދޭނަމަ ރަސްފަންނު ސަރަހައްދުގައި ޤާއިމްކުރާ ފެން ހިންދާ ނިޒާމްތައް ފަށާނެ ކަމަށެވެ. އަދި ހަފްތާއެއްހާ ދުވަހުން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް ނަޒީމް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އާޓިފިޝަލް ބީޗް ސަރަހައްދު އަދި ޕީއެސްއެމް ބިލްޑިންގ ހުންނަ ސަރަހައްދުގައި އެ މަސައްކަތް ފަށާނެ ކަމަށް ވެސް ނަޒީމް ވިދާޅުވިިއެވެ. އެ މަސައްކަތްތައް ފެށުމަށް ލަފާކުރެވެނީ މި މަހުގެ ފަހުކޮޅުގައި ކަމަށް ވެސް ނަޒީމް ފާހަގަ ކުރިއެވެ.
މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް