މިއަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހެވެ.
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދުވަހެއް ފާހަގަ ކުރަން ފަށާފައިވަނީ މީގެ 34 އަހަރު ކުރިން 1989 ގައި އދ.ގެ ޖެނެރަލް އެސެމްބްލީ ގައި ނިންމި ނިންމުމަކުންނެވެ. މިވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ދުވަހެއް ފާހަގަކުރުން ވެގެން ދިޔައީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބުނު ބާރަކަށެވެ.
މިދުވަސް ފާހަގަ ކުރުމަށް 2023 ވަނަ އަހަރު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ވިލުންތެރި ކުރިމަގަކަށްޓަކައި ތަފާތުކުރުން ނައްތާލުން" (Fighting inequality for a resilient future) އެވެ. މުޖުތަމައުގެ ބާރުވެރިކަން ކުޑަވުމުގެ ސަބަބުންނާއި، ލިބޭ ޚިދުމަތްތަކާއި ތަރައްޤީއާއި، ރައްޔިތުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ކާރިސާތަކުން ލިބޭ ގެއްލުން ބޮޑުވުމަށް އޮތް ރިސްކު އިތުރުވެގެން ދެއެވެ. ރަށްރަށުގެ ނާޒުކުކަމާއި، ކާރިސާތަކަށް ކުދިކުދި ރަށްރަށް ހާސާވެފައިވާ މިންވަރަށް އިސްކަންނުދީ ގެނެވޭ ތަރައްޤީގެ ސަބަބުން ދިމާވާ ގެއްލުންތައް ކުޑަކުރުމަށް ތަރައްޤީގެ މަސައްކަތްތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ އަސާސްތައް އެކުލެވޭ ގޮތަށް މަޝްރޫޢުތައް އެކުލަވާލައި ހިންގުން މުހިންމެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތައް 2030 ވަނަ އަހަރާއި ވަރަށް ބޮޑުތައް އިތުރުވެގެން ދާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައި 560 އަށްވުރެ ގިނަ ގެއްލުންދެނިވި ކާރިސާ ކޮންމެ އަހަރަކުމެ ކުރިމަތިވާނެކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ. މިގޮތުން މޫސުމީ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގައި 37.6 މިލިއަން މީހުންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.
މޫސުމީ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ޤައުމުތަކުގެ ތެރޭގައި މިދިވެހިރާއްޖެ ހިމެނޭނެ ކަމަކީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. ކާރިސާތަކުން ލިބޭ ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށެވެ. ރާއްޖެއަކީ ވަޞީލަތްތައް މަދު މުޅި އިޤްތިސާދު މަދު ވަޞީލަތްތަކެއްގެ މައްޗަށް ބިނާވެފައިވާ ޤުދުރަތީގޮތުން އުފެދިފައިވާ ގޮތާއި އަރާއްކާތަކުން ބޮޑެތި ގެއްލުން ކުރިމަތިވުމަށް އޮތް ފުރުސަތު ބޮޑު ނާޒުކު ޤައުމެކެވެ. ރާއްޖޭގެ ރައްޔިތުން ދިރިއުޅުން މައިގަނޑުގޮތެއްގައި ބިނާ ވެފައިވަނީ ކަނޑު ފަޅުންނާއި ބިނާވެށިން ލިބޭ މަންފާގެ މައްޗަށެވެ. މިގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން އަދި މިނޫންވެސް އިޤްތިސާދާއި ގުޅިފައިވާ ކަންކަމަކަށް ކާރިސާއެއްގެ ސަބަބުން އަސަރުކުރާނަމަ އެކަމުން ރައްޔިތުންނަށް ނިކަމެތިކަން ކުރިމަތިވެއެވެ. 2004 ސުނާމީ ކާރިސާގައި ރާއްޖެއަށް ލިބުނު ގެއްލުމަށް އެކަނި ބަލާލިޔަސް އޭގޭ ގެއްލުން ކިހާ ބޮޑުކަން އަޅުގަނޑުމެންނަށް އިނގެއެވެ. 2004 ސުނާމީ ކާރިސާގައި ރާއްޖޭގެ 9 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކަށް ސުނާމީގެ ރާޅު އަރައި ދުނިޔޭގެ ޗާޓުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ރާއްޖެ ވަނީ ފުހެވިފައެވެ.
ފާއިތުވެދިޔަ 3 އަހަރަށް ބަލާލާއިރުވެސް ބޯކޮށް ވާރޭ ވެހުމާއި، އުދަ އެރުމުގެ ސަބަބުން ރަށްރަށުގައި ފެން ބޮޑުވުމާއި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އިޖާބަދިނުމުގެ މަސައްކަތަށް ދަޢުލަތުން ހޭދަ ކުރާ މިންވަރު އަހަރުން އަހަރަށް ދިޔައީ އިތުރު ވަމުންނެވެ. މިގޮތުން 2023 ވަނަ އަހަރުގެ މިހާތަނަށް ކާރިސާތަކަށް އިޖާބަ ދިނުމަށް 4.9 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ވަނީ ޚަރަދުވެފައެވެ. އަދި މިއަހަރުގެ ނިޔަލަށް 5.3 މިލިއަން ރުފިޔާ އިޖާބަ ދިނުމުގެ މަސައްކަތަށް ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.
ތިރީގައި އެވަނީ 2021 2022 އަދި 2023 ގައި ކާރިސާތަކަށް އިޖާބަ ދިނުމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ކޮށްފައިވާ ހޭދައިގެ ތަފްޞީލެވެ.
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އަލަށް އިންތިހާބުވެފައިވާ ސަރުކާރުންވެސް ކުރިއަށްގެންދިއުމަށް އިސްކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަން ފާހަގަ ކުރަމެވެ. މިގޮތުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު (2015/28) ގެ ދަށުން އެން.ޑީ.އެމް.އޭއަށް ލިބިދޭ އެންމެހައި އިހްތިސާސް ތަކާއި ބާރުތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމު ކަމެކެވެ. އަދި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް މިހާރަށް ވުރެ ބޮޑަށް އިންވެސްޓު ކުރުމާއި ބަޖެޓް ކަނޑައެޅުމާއި، ތަރައްޤީގެ ޕްލޭންތަކާއި މަޝްރޫއު ތަކުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަފްހޫމް ހިމަނައި ރައްކާތެރި ބިނާވެއްޓަކަށް އިސްކަންދީ މުޖުތަމައު ބާރުވެރިކުރުން ފާހަގަ ކުރަމެވެ. އަދި އެހެންމެ ކާރިސާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި، ވިޔަފާރިތަކާއި، އޮޑިދޯނިފަހަރާއި މުޅި ޓުއަރިޒަމް ސިނާއަތަށް ވެސް ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް އިންޝުއަރެންސްއަށް ދާއިރާތަކާއި ރައްޔިތުން އަހުލުވެރިކުރުން ހިމެނެއެވެ. އަދި ބައެއް ދާއިރާތައް އިންޝުއަރެންސް ކުރުމަށް މަޖުބޫރުކުރުމަކީވެސް ކާރިސާތަކުން ލިބޭ ގެއްލުންތަކުގެ ރިސްކު ޓްރާންސްފަރ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އިންޝުއަރެންސް ސްކީމުތަކުގެ ތެރޭން ރިސްކް ޓްރާންސްފަރ ކުރެވޭނެ އިންތިޒާމު މިހާރަށްވުރެ ލުއި ފަސޭހެ ގޮތަކަށް ހުރިހާ ދާއިރާއަކަށް ފަހިކޮށްދިނުމަކީވެސް ދައުލަތުގެ އެންމެހައި އިދާރާތަކުގެ މެންޑޭޓުގައި ހިމެނޭ ކަމެއްގެ ގޮތުގައި ހެދުމަކީވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ފުރިހަމަ އިންޝުއަރެސް ނިޒާމެއްގެ ތެރެއިން ލުއިފަސޭހަގޮތްތަކެއްގެ މަތިން އެކިދާއިރާތަކަށް އިންޝުއަރެންސް ރައްޓެހިކޮށް އަތުޖެހޭ ހިސާބަށް ގާތްވާނެ ގޮތްތައް އެމް.އެމް.އޭއާއި އިންޝުއަރެންސް ކުންފުނިތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ވަގުތު މިވަނީ އައިސްފައެވެ.
މައުލޫމާތު : ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް