އިޒްރޭލުން އިންޒާރު ދިން ނަމަވެސް ގާޒާ ދޫކޮށް ގާޒާގެ ރައްޔިތުން ނުދާނެކަމުގައި ހަމާސް ޖަމާއަތުން ބުނެފިއެވެ.
އެ ޖަމާއަތުން މިހެން ބުނެފައިވަނީ މިރޭ 12:00 އާއި ހަމައަށް ގާޒާ ހުސްކޮށް ގާޒާގެ ދެކުނު ބިތަށް ގާޒާގެ ރައްޔިތުން ދިއުމަށް އިޒްރޭލުން އިންޒާރު ދީފައިވަނިކޮށެވެ.
ހަމާސް އިން ބުނެފައިވަނީ "ނަކްބާ" ތަކުރާރުވާން ގާޒާގެ މުސްލިމުން ބޭނުން ނުވާ ކަމަށެވެ.
"ނަކްބާ" އަކި 1948ގައި އިޒްރޭލު ވުޖޫދުވެ ކުރިއަށްގެންދިޔަ ހަނގުރާމައިގާ ފަލަސްތީނުގެ ރައްޔިތުން ވިއްސި ވިހާލިވެގެންދިޔަ ހާދިސާއެވެ.
ހަމާސް އިން މިއަދުވެސް ބުނީ ހޮނިހިރު ދުވަހު ދިން ހަމަލާއަކީ ފާއިތުވި 17 އަހަރު ފަލަސްތީނުގެ މުސްލިމުން ތަހަންމަލުކުރަމުން ދިޔަ ވޭނާއި ކެކުޅުމާއި ދަތިކުރުންތަކަށް ކެތްތެރިކަން ކޮޅުންލައި ނަފްސުގެ ދިފާއުގައި، މިނިވަންކަމުގެ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށެވެ. އަދި ނިމިދާނީވެސް އުފަން ބިމާއި ދީނަށްޓަކައި ވަޒަނަށްޓަކައި ކަމަށެވެ.
އިޒްރޭލުން ރޭގެ ދަންވަރު ދިން އިންޒާރުގައި ބުނެފައިވަނީ 24 ގަޑިއިރުގެ ތެރޭގައި ގާޒާގެ ރައްޔިތުން ދެކުނު ބޯޑަރު ސަރަހައްދަށް ޖަމާވާން ޖެހޭނެ ކަމަށެވެ. އެ ނޫންގޮތެއް ނޯންނާނެ ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައު އިޒްރޭލުގެ އެ އިންޒާރުގެ އަމާޒަކީ މި ހަފްތާ ބަންދުގެ ތެރޭގައި ބިމުގެ މަގުން ގާޒާގެ ބިމަށް ވަދެގަނެ "ގްރައުންޑް އޮޕަރޭޝަން"ތައް ފަށައިގަތުމެވެ.
އިޒްރޭލުން ގާޒާ އަދި ހުޅަނގު ބިތަށް ދެމުންއަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 1500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް