ފަލަސްތީނުގެ ބިމަކީ މުސްލިމުންނާ ގުޅި ލާމެހިފައިވާ ބިމެއް: ޚުޠުބާ

ފަލަސްޠީނުގެ ބިމަކީ އެތައް ގޮތަކުން މުސްލިމުންނާ ގުޅި ލާމެހިފައިވާ ބިމެއްކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، "ފަަލަސްޠީނާއި އިސްލާމީ އުއްމަތް" މި މައުޟޫއަށް ޚާއްޞަކޮށްފިއެވެ. ޚުޠުބާގައި ބ...

13 Oct 2023 | 08:04

ފަލަސްޠީނުގެ ބިމަކީ އެތައް ގޮތަކުން މުސްލިމުންނާ ގުޅި ލާމެހިފައިވާ ބިމެއްކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، "ފަަލަސްޠީނާއި އިސްލާމީ އުއްމަތް" މި މައުޟޫއަށް ޚާއްޞަކޮށްފިއެވެ.

ޚުޠުބާގައި ބުނީ، ފަލަސްޠީނުގެ ބިމަކީ، ﷲ ތަޢާލާ ބަރަކާތް ލައްވައި، މާތް ކުރައްވާފައިވާ ބިމެއް ކަމަށެވެ. އަދި އެއީ ގިނަ ނަބީބޭކަލުން އެ ބިމަކަށް އުފަންވެވަދައިގެން، އެތައް ނަބީ ބޭކަލުންނެއް ދިރިއުޅުއްވި ބިން ކަމަށެވެ.

"އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއިގެން އެ ބިމަކަށް އިސްރާ ކުރެވުނު މުޤައްދަސް ބިން.ކީރިތި ރަސޫލާ މަތިވެރިވެގެންވާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީ އެ ބިމުގައި މަސްޖިދުލް އަޤްޞާއިން" ޚުޠުބާގައި ބުންޏެވެ.

އެ ދަތުރުފުޅުގައި އެންމެހާ ނަބީ ބޭކަލުންނާއިގެން، ކީރިތި ރަސޫލާ މަސްޖިދުލްއަޤްޞާގައި ނަމާދު ކުރެއްވި ކަމަށާއި އިޞްރާއާއި މިއުރާކުގެ މި ދަތުރުފުޅުން، މުސްލިމުންގެ ފުރަތަމަ ޤިބުލަ، އަލްމަސްޖިދުލް އަޤްޞާއާއި ދެވަނަ ޤިބުލަ، ކަޢުބަތުﷲ ގެފުޅާ ހުރި ގުޅުން އަންގައިދޭ ކަމަށް ޚުޠުބާގައި ބުންޏެވެ.

އެހެންކަމުން އެ ބިން ވަނީ މުސްލިމުންގެ މަތިވެރި އަޤީދާއާ ގުޅި ލާމެހިފައި ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، ރޫމީންގެ އަނިޔާވެރި ވަކިތަކުން މުސްލިމުންގެ ފަލަސްޠީނުގެ ބިން ސަލާމަތް ކުރެވުނީ، މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ޚިލާފަތުގައި ކަމަށެވެ.

އޭގެފަހުން، މުސްލިމުންގެ ވެރިކަމުގައި ހަތަރު ޤަރުނު ވެގެން ދިޔަ އިރުވެސް އެތަނުގައި ދިރިއުޅެމުން ދިޔަ އެހެން ދީން ތަކުގެ އަހުލުވެރިންގެ އެއްވެސް ހައްގަކަށް މުސްލިމުން އަރައިގަނެފައި ނުވާކަމަށް ޚުޠުބާގައި ބުންޏެވެ.

އެ އެންމެން މިނިވަންކަމާއި ސުލްހަވެރިކަމުގައި އުޅެމުން ދަނިކޮށް، ޞަލީބީ ހަނގުރާމަ ކުރިމަތިވެ، ދުޝްމަނުން އަމާޒަކަށް ހެދީ ޤުދުސާއި މުޤައްދަސް ބިންތައް މިނިވަން ކުރުން ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނި ގޮތުގައި، 88 އަހަރަށް ޤުދުސްގައި ޞަލީބީ ހަނގުރާމަ ހިނގިއެވެ. އަދި ޞަލީބީ އިސްތިއުމާރުން ޤުދުސް މިނިވަންކޮށްދެއްވީ މަޝްހޫރު ކޮމާންޑަރު ޞަލާހުއްދީނުލް އައްޔޫބް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ފަލަސްޠީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޣައިރު ޤާނޫނީ ދައުލަތެއް އުފެއްދިތާ 70 އެތައް އަހަރެއް ފާއިތު ވެއްޖެ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޔަހޫދީ ދައުލަތް އުފެދުނުއިރު، ފަލަސްޠީނުގައި ޔަހޫދީން ދިރިއުޅުނު ބިމުގެ ނިސްބަތަކީ 10 އިންސައްތަ ކަމަށާއި، ނަމަވެސް މިއަދު ޔަހޫދީން ވަނީ އެ ބިމުގެ 90 އިންސައްތައަށް ގަދަކަމުން ވެރިވެގަނެފައި ކަމަށް ޚުޠުބާގައި ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް