ހުޅުމާލެއިން ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒްހާންގެ ހަށިގަނޑުކަން ކަށަވަރު ވެއްޖެ އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އަޒްހާންގެ މަރުވެފައިވާ ހަށިގަނޑު ހުޅުމާލޭ ވޯޓާ ޕާކް ހަދާ ސަރަހައްދު ކައިރީ ގަސްތަކުގެ ތެރެއިން ފެނުނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.
14 ދުވަސް ފަހުން ފެނުނު އިރު ކުނިވެފައި އޮތުމުން އެއީ ކާކުގެ ހަށިގަނޑެއްކަން ފުލުހުން ޔަގީން ނުކޮށްދެ އެވެ. އަދި އޭނާގެ ހަށިގަނޑު މިމަހުގެ އަށް ވަނަ ދުވަހު ވަނީ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާފައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ޕޯސްޓްމޯޓަމަށް ފަހު ހަށިގަނޑު މިރޭ މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ޖަނާޒާ މާދަމާ އޮންނާނެ ކަމަށެވެ.
އަދިވެސް އެއީ އަޒްހާންގެ ހަށިގަނޑުކަން ފުލުހުން ޔަގީނެއް ނުކޮށްދެ އެވެ. އެކަމަކު ކަށު ނަމާދު ޕޭޖުގައި ވާގޮތުން މާދަމާ އަޒްހާންގެ ޖަނާޒާ އޮތުމުން އެއީ އަޒްހާންގެ ހަށިގަނޑުކަން ވަނީ ޔަގީންވެފައި އެވެ.
އެ ޕޭޖުގައި ކަށު ނަމާދުގެ މައުލޫމާތު އާންމު ކުރާނީ އާއިލާއިން ބޭނުން ވެގެން އެކަމަށް އެދުމުން ރުހުމާއި އެކު އެވެ. އެ ޕޯސްޓުގައި އަޒްހާންގެ ފޮޓޯވެސް ޖަހާފައިވެ އެވެ.
އަޒްހާންގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މާދަމާ ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.
އަޒްހާން ފެނުނު ފަހުން އޭނާގެ މަރާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ހާމައެއް ނުކުރެ އެވެ. ހަމަ އެކަނި ބުނެފައިވަނީ ފޯނު ފެނުނު ވާހަކާއި ބަޔަކު އޭނާ މަރާލާފައިވާ ކަމުގެ ހެއްކެއް އަދި ނުފެންނަ ކަމެވެ.
މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަނީ މަރުގެ މައްސަލައެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް