ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫ އެ އަތޮޅު ރައްޔިތުންނަށް އަނބުރާ ދިނުމަށް ގޮވާލާ ކުރިއަށްގެންދާ އިހުތިޖާޖުތަކުގެ ތެރެއިން އެ އަތޮޅުގެ ބަޔަކު އެ ރަށަށް އަރައިފިއެވެ.
އެގޮތުން އެ ރަށުގައި މިވަގުތުވެސް ވާވު އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އާއި ވާވު ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސެއިން ތިއްބެވި އިރު އަތޮޅަށް ނިސްބަތްވާ ބައެއް ރައްޔިތުންވެސް އެބޭފުޅުންނާއެކު އެ ރަށުގައި އެބަ ތިއްބެވެ.
ވާވު އަތޮޅުގެ ރައްޔިތުން ބުނަމުންދަނީ އެ ރަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވެ، މުއްދަތު އާކުރުން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް އިރު ގަވާއިދުތަކާއި ގާނޫނާ ހިލާފު އެތައް ކަމެއް އެ ރަށުގައި ހިންގާ ރަށަށް ގެއްލުންތަކެއްވެސް ދެމުން އަންނަ ކަމަށެވެ.
އެ ރަށުގައި ހުންނަވައިގެން ދުވަހަށް މައުލޫމާތުދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ހެނދުނުއްސުރެ އެމީހުން އެ ތިބެނީ އެ ރަށުގައި ކަމަށާއި ދެން ފައިބާނީ ހައްލެއް ހޯދައިދިނުމުން ކަމަށެވެ.
"ސިޓީބިޓީ ފޮނުވައިގެން، އޮންނަ އުސޫލުތަކުގެ ދަށުން ހުޅިދޫ އަނބުރާ ހޯދަން އެތައް މަސައްކަތެއް ކުރެވިއްޖެ، އެތައް ބައްދަލުވުމެއް ބޭއްވިއްޖެ، ޕޮލިސީ ލެވެލްގަ ފަނަރަ ވަރަކަށް މަސް ދުވަސް މަސައްކަތް ކުރެވިއްޖެ" އަތޮޅު ރައީސް ވިދާޅުވިއެވެ
އަތޮޅު ރައީސް ފާހަގަކުރެއްވި ގޮތުގައި ހުޅިދޫއަކީ އަތޮޅަށް ވަރަށް މުހިންމު ރަށެއް ކަމަށާއި އެކަހަލަ މަދު ވަސީލަތްތަކެއް ބަޔަކު ބޭނުންހާކަމެއް ކުރަން ހިތުހުރިހާ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލެވެން ނެތް ކަމަށެވެ.
"މުއައްސަސާތަކަށް ރިޕޯޓް ކުރީމަ މުޅިންވެސް ދައްކަނީ ބަހަނާ، އެއްވެސް ކަމެއް ބަލާކަށް ނޫޅޭ، އެހެންކަމުން އަޅުގަނޑުމެން އަތޮޅު ކައުންސިލަށްވެސް ލިބިދޭ ޒިންމާއެއް އަތޮޅު ތެރޭގަ ހުރި ހުރިހާ ކަންތައްތައް ބަލާ މޮނީޓަރކޮށް ސަމާލުކަމަށް ގެނައުމަކީ" އަތޮޅު ރައީސް ވިދާޅުވިއެވެ.
އަތޮޅު ރައީސް ވިދާޅުވީ ރަށުން ފޭބުމަށް ހަވީރު ފުލުހުން އައިސް އިންޒާރެއް ދިން ކަމަށާއި އަދި ނުފައިބައިފިނަމަ ހައްޔަރުކުރާނެކަމުގެ އިންޒާރުވެސް ފުލުހުން އޭރު ދިންކަމަށް ވިދާޅުވިއެވެ. ނަމަވެސް އެފަދަ ގޮތަކަށް އަދި ފުލުހުން އަމަލުކޮށްފައިނުވާކަމުގައި އަތޮޅު ރައީސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ރަށުން ދެން އަތޮޅު ރައްޔިތުން ފައިބާނީ ކަމާބެހޭ ވުޒާރާއަކުން ނުވަތަ ސަލާމަތީ ބާރަކުންވެސް އައިސް އެ ރަށާ އެ ފަރާތަކުން ހަވާލުވުމުން ކަމަށާއި އެ ނޫން ގޮތަކަށް ދެން އެ ރަށުން ނުފައިބާނެ ކަމަށެވެ.
އެ ރަށަކީ ދަނޑުވެރިކަން ކުރުމަށް އާރަށް އިންވެސޓްމަންޓަށް ސަރުކާރުން ދޫކޮށްފައިވާ ރަށެކެވެ.
އެ ރަށުގައި އެގްރީމަންޓާއި އީއައިއޭ އާއި ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށާއި އެގޮތުން ބޮލަކަށް ފަސް ޑޮލަރު ނަގައިގެން ފަތުރުވެރިން އެ ރަށަށް އެރުމުގެ ފުރުސަތު ފަހިކޮށް އެކަންވެސް ވިޔަފާރިއެއްގެ ގޮތުގައި ކުރަމުން އަންނަ ކަމަށާއި އީއައިއޭއާ ހިލފަށް ފާލަމެއް އެޅުމުގެ އިތުރުން ރުށްތަކެއް ނަގާފައިވުމާއި އެ ރަށުގައި އޮންނަ ކުޅިއަކަށް ވެލި އަޅާ ހިއްކާފައިވުންފަދަ ކަންކަން ކޮށްފައިވާކަމަށް އެ އަތޮޅުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.
https://twitter.com/hussain_shifaq/status/1580557197213212673
މި މައްސަލައިގާ އާރަށް އިންވެސްޓްމަންޓްގެ ބަހެއް ދުވަހަށް ލިބިފައެއް ނުވެއެވެ. ނަމަވެސް މީގެ ދެ ދުވަސްކުރިން ދަ ޕްރެސް ނޫހަށް މައުލޫމާތުދެމުން އެ ކުންފުނިން ބުނެފައިވަނީ ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. އަދި މިހާރު ދަނޑުވެރިކަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
އެ ކުންފުނިން ބުނެފައިވާގޮތުގައި 2017 ވަނަ އަހަރު އެ ކުންފުންޏަށް އެ ރަށް ދޫކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ދަނޑުވެރިކަން ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ކަމަށާއި އެ ރަށަކީ ގާމަތީ ރަށެއް ކަމުން ފާލަމެއްވެސް އެޅި ކަމަށާއި ކަރަންޓުގެ ހިދުމަތް ހޯދުމަށް އިންޖީނުގެއެއް އެޅުމުގެ މަސައްކަތްވެސް ކޯށްފައިވާނެކަމަށް ބުނެފައިވެއެވެ.
" "އޭރު ތަރައްގީގެ މަސައްކަތް ފަށަފައި ކޮވިޑް އައިސްގެން މުއްދަތު އިތުރު ކުރަން ވެގެން ސަރުކާރަށް އެދިފައި އޮންނާނީ. މި އިޝޫތައް އުޅޭތީ އިތުރު އިންވެސްޓްމަންޓްތައް ނުކޮށް އަދި ވަކި ގޮތަކަށް މިކަން ނިމެން ދެން މަޑުކޮށްލައިގެން މި ތިބެނީ" ދަ ޕްރެސް އަށް މައުލޫމާތުދެމުން އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް