ވާހަކަ: މަންޒިލް ތިޔޭ – ސާޅީސް ހަތްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ކުރިމަތީގައި ހުރި އަންހެން ދަރިފުޅުގެ މޫނުން ހާޖަރަށް ނަޒަރު ވަކިކޮށްނުލެވުނެވެ. ދުއާ އެފެނުނީ އެތައް އަހަރަކަށް ފަހުގައެވެ. ފުރަތަމަ ފެނިލުމާއެކުވެސް ހާޖަރަށް ދަރިފުޅު އިނގިއް...

13 Oct 2022 | 16:07

ކުރީގެ އަދަދާއި ގުޅޭ...

ކުރިމަތީގައި ހުރި އަންހެން ދަރިފުޅުގެ މޫނުން ހާޖަރަށް ނަޒަރު ވަކިކޮށްނުލެވުނެވެ. ދުއާ އެފެނުނީ އެތައް އަހަރަކަށް ފަހުގައެވެ. ފުރަތަމަ ފެނިލުމާއެކުވެސް ހާޖަރަށް ދަރިފުޅު އިނގިއްޖެއެވެ. ހަނދާނަށް އައީ ޒިލާލްގެ ޅައުމުރު ދުވަސްތަކެވެ. ދެބަފައިންގެ ސިފަ އެހާ އެއްގޮތެވެ. ހާޖަރަށް ދުއާ އާ ގާތަށް ފިޔަވަޅެއް އެޅުނެވެ. އޭނާގެ ދެއަތުގެ ތެރެއަށް ދުއާ ގެންހިތުން ހިތް ތެޅިފޮޅެންފެށިއެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުނުވިޔަސް މޭގެ ތެރޭގައި އޮތް ހާޖަރުގެ ހިތް ކަރުނައަޅަމުން ދިޔަ އެވެ. އޭނާގެ އަނގައިން އަޑު ބޭރުނުވިޔަސް އަޑުންއަޑުނަގާ ހިތް ރޮމުން ދިޔައެވެ. ދުއާގެ ކުރިމަތީގައި ހާޖަރު ހުއްޓުނެވެ. ދެއަތް އުފުލާލެވުނީ ބޭއިހްތިޔާރުގައެވެ.

ދުއާއަށް އިސްޖަހާލެވުނެވެ. ހީވީ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް މަންމައަށް ސިއްރުކުރަން އުޅުނު ހެންނެވެ. އެހެންނަމަވެސް ދުއާއަށް ކަރުނަތަކެއް ނުފޮރުވުނެވެ. އިސްޖަހާލައިގެން ހުއްޓާ އޭނާގެ ދެކޯތާފަތުން ރޮނގަކަށް ކަރުނަތައް ފައިބައިގަތެވެ. ދުއާއަށް އިސްއުފުލާލެވުނީ ހާޖަރުގެ ދެއަތްތިލަ މޫނުގައި ޖެހުނުކަން އިނގުނު ހިނދުގައެވެ. މައެއްގެ އަތުގެ ފިރުމުން ފަޅި ސިކުންތެއްގެ ތެރޭގއި ދުއާއަށް އިހުސާސްވެއްޖެއެވެ. ހިތުގައިޖެހި ދުއާއަށް ރޯންފެށުނެވެ. ހާޖަރުގެ ދެއަތްތިލައިގައި ދުއާއަށް ހިފާލެވުނެވެ. ކަރުނަތަކާއެކު ބަރާވެފައިވާ ދެލޮލަކުން ހާޖަރުގެ މޫނަށް ދުއާ ބަލައިލިއެވެ. ދުއާގެ ދެތުންފަތް ފިއްތާލެވުނުއިރު ހާޖަރަށް ހީވީ ހަމަހުގެ ކުޑަކުޑަ ދުއާ ފެނިލިހެންނެވެ.

"މަން... މަންމާ!!! " މަޑު އާހަކާއެކު ދުއާއަށް ބުނެވުނެވެ. އެހިނދު ހާޖަރު ދުއާ ގެނެސް އޭނާގެ މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ.

" މަގޭ ދަރިފުޅާ..!! " ހާޖަރުގެ ބަޑިފަޅައިގެން ދިޔައެވެ. ތަނުގައި ގުގުމާލާފައިވީ ދެމައިންގެ ރުއިމުގެ އަޑުންނެވެ. މިމަންޒަރު ފެނި ރާނީއަށްވެސް ރޮވިއްޖެއެވެ. ދުއާވެސް ރޮމުން ދިޔައިރު މިހުރިހާ ދުވަހު އޭނާއަށް ލިބިފައިވާ ހުރިހާ ހިތާމާއަކާއި ހިތްދަތިކަމާއި ވޭނާ ކެކުޅުން ކަރުނަތަކެއްގެ ސިފައިގާ ހާޖަރުގެ ކޮނޑަށް ބާލަމުން ދާ ކަހަލައެވެ. މަންމަގެ އެގާތް ކަމަށް އޭނާ ފެންބޮވައިގެންފައިވާތާ ކިތަންމެ ދުވަހެކެވެ. ރަޔަންވެސް ނުރޯން މަސައްކަތް ކުރަމުން ހިންދިރުވައިލިއެވެ. ދުރުގައި އިން ރިޒާއަށް ފެންނަމުންދާ މަންޒަރު ޤަބޫލެއް ނުކުރެވުނެވެ. އަބަދަށް ދެލޯ މަރާލުމުގެ ކުރިން އެންމެ ދެކެން ބޭނުންވާ އެއްމަންޒަރުން ކުރިމަތިން އެފެންނަނީއެވެ.

" މަންމައޭ.. އެއީތަ ދުއާގެ މަންމައަކީ؟ " ހައިރާންވި ވަރުން ދުންޔާއަށް އަހައިލެވުނެވެ. ރިޒާއަށް ބޯޖަހައިލެވުނު ހިނދު ދެލޯ ކަރުނުން ފުރިއްޖެއެވެ. ހާޖަރު ދުއާ ދުރުކޮށްލުމަށްފަހު ދެލޯ ފޮހެލަ ދިނެވެ.

" މަންމަ ދެން ދުވަހަކުވެސް ދުއާ ދޫކޮށްފައި ނުދާނަން.. އިންޝާﷲ.. " ހާޖަރު ބުނެލިއެވެ. ރުއިމުގެ ތެރެއިން ދުއާ ހީނލަމުން ހާޖަރުގެ އަތުގައި ހިފައިގެން ރިޒާއާ ދިމާލަށް ހިނގައިގަތެވެ.

" ކާފާ... ބަލާ މިހިރީ އަހަރެންގެ މަންމަ އަހަރެން ކައިރިއަށް އައިސް..  " ދުއާ ބުނެލިއެވެ. ރިޒާ ބޯޖަހައިލަމުން ދެލޯ ފޮހެލިއެވެ. ކުރިމަތީގައި ހުއްޓުނު ހާޖަރަށް ބަލައިލަމުން ރިޒާ ދެއަތް ޖޯޑުކޮށްލީ މާފަށް އެދުމަށެވެ. ނަމަވެސް ހާޖަރު ރިޒާ ކައިރީގައި ކުރުފައި މައްޗަށް އިށީންނަމުން ރިޒާގެ ދެއަތް ތިރިކޮށްލިއެވެ.

" ބައްޕަ މާފަށް އެދޭކަށް ނުޖެހޭނެ.. އަހަރެންނަށް އެނގޭ ކުރި ކަމެއް ކުރީ ޒިލާލްކަން.. " ހާޖަރު ބުނެލިއެވެ. އެވަގުތުވީ ރާނީއާއި ރަޔަންވެސް އައިސް އެތަނަށް ހުއްޓުނު ވަގުތަށެވެ. ރިޒާގެ ނަޒަރު ރާނީއާއި ރަޔަންއަށް ހުއްޓުނު ހިނދު އެއީ ހާޖަރުގެ ދަރިންކަން އޭނާއަށް ޔަގީންވިއެވެ. ހާއްސަ ގޮތެއްގައި ރާނީއާއި ހާޖަރު އެހާ ވައްތަރެވެ.

" ކާފާ.. މީ ރާނީ.. އަހަރެމެންގެ ހޮސްޕިޓަލުގައި މަސައްކަތް ކުރަނީ.. " ރިޒާ ބަލަހައްޓައިގެން އިން ގޮތުން ރާނީ ކައިރިއަށް ޖެހިލަމުން ދުއާ ބުނެލިއެވެ. " އެކަމަކު ރާނީއަށް ކިހިނެއް އަހަރެންގެ މަންމަ...؟

" ތިސުވާލުގެ ޖަވާބު މަންމަ ދޭނަން.. " އިންތަނުން ތެދުވަމުން ހާޖަރު ދުއާ އާއި ރާނީއާ ކުރިމަތިލިއެވެ. އެދެމީހުންގެ ކުރިމަތީގައި ހުއްޓެމުން ހާޖަރު ދުއާއާއި ރާނީގެ އަތުގައި ހިފައިލިއެވެ.

" ދުއާ!! ދަރިފުޅު ފަދައިން ރާނީ އަކީވެސް މިމަންމަގެ ދަރިއެއް.. ރާނީ އަދި ކައިރީ މިހިރި ރަޔަންވެސް މީ ދަރިފުޅުގެ ދެކޮއްކޮ.. ". ހާޖަރު ހާމަކޮށްލި ހަގީގަތާއެކު ދުއާއަށް ލިބުނީ ބޮޑު ސިހުމެކެވެ އެއީ ހަގީގަތެއް ބާއޭ އަމިއްލަ ހިތާ ދުއާ ސުވާލުކޮށްލިއެވެ. ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ދުއާއަށް ބަލައިލެވުނީ ހާޖަރުގެ މޫނަށެވެ. އެހިނދު ހާޖަރު ބޯޖަހާލިއެވެ. ހާޖަރުގެ ލޮލުން ވެއްޓެން ތައްޔާރަށް އޮތް ކަރުނަތިކި ފެނުމާއެކު ދުއާއަށް ހުރިހާކަމެއް ގަބޫލުކުރެވިއްޖެއެވެ. ހަގީގަތެއްނެތް ވާހަކަތަކެއް ހާޖަރު ދެއްކުމުގެ ބޭނުމެއްނެތްކަން ދުއާއަށް ވިސްނުނެވެ. ދެން ދުއާއަށް ބަލައިލެވުނީ ކައިރީގައި ހުރި ރާނީއަށެވެ. ރާނީގެ މޫނުމަތީގައިވެސް ވަނީ ހާޖަރުގެ މޫނުމަތީގައިވި އަސަރުތަކެވެ. އެހިނދު އެ ހަގީގަތް ރާނީއަށްވެސް އިނގޭކަން ދުއާއަށް އިނގުނެވެ. ހަގީގަތް ނޭނގި ސިއްރުވެފައި އޮތި ދުއާއަށް އެކަނިކަން އިނގުމުން ދުއާގެ ހިތުގައިޖެހުނެވެ. ދެރަވީވަރުން އިސްޖަހާލެވުނު ވަގުތު އެއީ ރާނީ ދުއާގެ ގައިގައި ބައްދާލިވަގުތެވެ. ދުއާއަށް ރާނީގެ ގައިގައި ދެއަތުން ވަށާލެވުނެވެ. އެންމެގާތް އެކުވެރިޔާގެ މަގާމުގައި މިހުރިހާ ދުވަހު ހުރީ އެއްބަނޑު އެއްބަފާ ކޮއްކޮކަން އިނގުމުން ދުއާގެ ހިތަށް ލިބުނު ހިތްހަމަޖެހުން ދެގުނަވެގެން ދިޔައެވެ. ދެ ދަރިންގެ ކައިރީގައި ހުއްޓުނު ހާޖަރު ދެއަތުން ދެ ދަރިންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

ދުންޔާއަށްވެސް ލިބުނު ސިހުމާއެކު އަނގަމަތީގައި އަތް އަޅައިލެވުނެވެ. އެންމެ ފުރަތަމަވެސް ވިސްނާލެވުނީ ލޫކަންއާ މެދުގައެވެ. ލޫކަންއަށް ރާނީއާއި ދުއާ އަކީ އެއްބަނޑު އެއްބަފާ ދެކުދިން ކަން އެނގުމުން ވާނީ ކިހިނެއް ހެއްޔެވެ؟ މޭޒުމަތީގައި އޮތް ފޯނު ނެގުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލީ ލޫކަންއަށް ގުޅާށެވެ.

" ޓޫ ސިސްޓަރ ވީމަ އަހަރެން ބާކީ ކޮށްލީތަ؟ " އެއިވުނީ ރަޔަންގެ އަޑެވެ. ރާނީއާއި ދުއާ ނުވެސް ވިސްނާ ހުއްޓާ ރަޔަން އައިސް އެދެމީހުންގެ މެދަށްވާގޮތަށް ހުއްޓެމުން ދެމީހުންގެ ގައިގާ ބައްދާލިއެވެ. ރަޔަންގެ އެހަރަކާތުން އެންމެންގެ މޫނުމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ. ދުއާއަށް ލިބިފައިވާ އުފަލުގެ ކޮޅެއް ނެތެވެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް ﷲ ދެއްވެވީތީ ހިތާހިތުން ޝުކުރުކުރަމުން ދިޔައެވެ. ރާނީއާ ދުރުވެލަމުން ދުއާ ރަޔަން ގައިގާވެސް ބައްދާލިއެވެ.

" ހީވޭ އަހަރެން ގޮތަށް ވަރަށް އަނގަ ގަދަ ވާނެހެން.. " ރަޔަންއާ ދުރުވެލަމުން ދުއާ ބުނެލިއެވެ.

" ކޮބާ ހާޖަރުގެ ފިރިމީހާ.. މިދެވަނަ ކައިވެނިން ލިބުނު ދަރިން ދޯ؟ " ރިޒާގެ ސުވާލާއެކު ޖަވާބު ދޭން ހާޖަރު އެނބުރުނެވެ.

" މީ ކޮންކަމެއް..؟ " ފަހަތުން އިވުނު ބާރު އަޑާއެކު އެންމެންނަށް އެނބުރި ބަލައިލެވުނެވެ. ވަދެގެން އައިސް އައިސް ހުރި ޒިލާލްއަށް ހާޖަރުގެ މޫނު ފެނުމާއެކީ ހުއްޓުން އެރިއެވެ. ހައިރާންކަން ދެމިގެން ދިޔައީ ކުޑަ ހިނދުކޮޅަކަށެވެ. އިސާހިތަކު އޭނާގެ މޫނަށް ރުޅިވެރިކަން ވެރިވެއްޖެއެވެ.

" ކަލޭ މިގެއަށް ވެއްދީ ކާކު؟؟ ހަމަމިހާރު ނިކުމޭ.. " ދުމެއް ޖެހިހެން ޒިލާލް އައިސް ހުރީ ހާޖަރުގެ ކުރިމަތީގައެވެ. ކުރީގެ އަނިޔާތައް ހަނދާންވެ ހާޖަރަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ.

" މިބުނީނު ނިކުންނާށޭ.. " ހާޖަރުގެ އަތުގައި ހިފަހައްޓަން ޒިލާލް އުޅުނެވެ. ނަމަވެސް އޭގެ ކުރިން ރަޔަންގެ ބާރު ގަދަ ދެއަތުން ޒިލާލްގެ އަތުގައި ހިފަހައްޓައިފިއެވެ.

" އަހަރެންގެ މަންމަ ގައިގައި އިނގިލީ ކުރި ޖައްސާލިޔަސް އަހަރެން ހަނދާން ނައްތާލާނަން ތީ އަހަރެންގެ ދައްތަމެންގެ ބައްޕަކަން.. " ރަޔަން އިންޒާރާއެކު ޒިލާލް ރަޔަން ބަލައިލީ ހިތްހަމަނުޖެހިފައެވެ.

" ޒިލާލް އިހަށް މިތަނުން ދޭ... ދުއާގެ މަންމަގެ ހައިސިއްޔަތުން ޒިލާލްއަކަށް ހާޖަރު މިގެއިން ނުނެރެވޭނެ.. " ރިޒާ އަމުރުކުރިއެވެ.

" ހަމައެކަނި ދުއާގެ މަންމައަށް ވީތީއެއް ނޫން.. " ހާޖަރު ބުނެލި އަޑަށް އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އޭނާ ރާނީގެ އަތުގައި ހިފައިގެން އައިސް ޒިލާލް ކުރިމަތީގައި ހުއްޓުނެވެ.

" ޑޮކްޓަރ ރާނީ..؟ " ހައިރާންވެފައި ޒިލާލްއަށް ބުނެވުނެވެ.

" ޒިލާލްގެ މުވައްޒަފަކަށް ވުމުގެ ކުރިން ރާނީ ވަނީ މާކުރިއްސުރެން ޒިލާލްއާ ގުޅިފައި.. އެނގޭތަ ކިހިނެއްކަން؟ " ހާޖަރު އެހިއެވެ. " ޒިލާލްގެ އެންމެ ހަގު ދަރީގެ ހައިސިއްޔަތުން.."

ތަނުގައި ތިބި މީހުންނަށް ލިބުނީ އިތުރު ސިހުމެކެވެ. ރާނީއާ އޭނާގެ ވަނީ ހީކުރިވަރަށް ވުރެ މާ ގާތް ގުޅުމެއްކަން އެނގުނު ހިނދު ދުއާގެ ހިތް ރާނީއަށްޓަކައި ކުލުނުން ފުރުނެވެ. ރާނީއަކީ އޭނާގެ އެއްބަނޑުއެއްބަފާ ހުރި ހަމައެކަނި ފަރާތެވެ.

" ކީކޭ..؟ އެބަ އެނގޭތަ ތިކިޔަނީ ކީކޭ ކަން..؟ " ޒިލާލް ބުނެލިއެވެ.

" އާނ!! ރާނީއަކީ ޒިލާލްގެ ދަރިއެއް.. އަހަރެން މިތަނުން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ.. ޒިލާލްގެ ގަދަބާރުން އަހަރެންނާ ދެން ލިބެން އުޅޭ ކުއްޖާވެސް ވަކިކޮށްފާނެތީ.. " ހާޖަރު ހާމަކުރިއެވެ.  ޒިލާލް ރާނީއަށް ބަލައިލިއެވެ. އެބެލުމުގައި އެއްވެސް ކުލުނެއް އޯގާތެރިކަމެއް ނެތެވެ. ރާނީ ޒިލާލްއާ ހަތަރުކަޅި ހަމަކުރަން ޖެހިލުންވިއެވެ. އުރުޅިވެރި ބެލުމުން އޭނާ ފިއްސާލާފާނެ ކަހަލައެވެ.

" ތިހެން އައިސް ދަރިއެއް ބޮލަށް ޖެހިޔަސް އަހަރެން ޤަބޫލެއް ނުކުރާނަން.. ކަލޭ ބޭނުމިއްޔާ ކިތަންމެ އިރެއް ވަންދެންވެސް މިގޭގަ ހުންނަންވީ އެކަމަކު ރާނީ އެއީ އަހަރެންގެ ދަރިއެއް ކަމަށް ޤަބޫލެއް ނުކުރާނަން.. އަދި މިގެއިން ކަލެއަށްވެސް އަދި މިތިބަ ދަރިންނަށްވެސް އެއްވެސް އެއްޗެއް ނުލިބޭނެ.." ޒިލާލްގެ ވިހަގަދަ ބަސްތަކުން އެންމެ ބޮޑު އަސަރެއް ކުރީ ރާނީއަށެވެ. އުފަން ބައްޕަ ދަރިއެއްކަމަށް ބަލައިގަންނަން ދެކޮޅު ހެދުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ؟ ޒިލާލް ގޮސް ލޮލު ކޮޅަށް އޮބާލަން ދެން ފެންކަޅިވެފައިވާ ދެލޮލުން އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ރާނީއަށް ނުކުރެވުނެވެ.

" ދެރަނުވޭ ރާނީ.. ބައްޕައަށް ވަރަށް ނުވިސްނޭނެ.. " ރާނީގެ އަތުގައި ހިފާލަމުން ބުންޏެވެ.

" ތެދަށް ބުނަންޏާ ޒިލާލްގެ ފަރާތުން އަހަރެން އެނޫން ޖަވާބަކަށް އުއްމީދެއްވެސް ނުކުރަން.. " ހާޖަރު ބުނެލިއެވެ. އެވަގުތު ރިޒާ ގޮނޑި ދުއްވާފައި އައިސް ރާނީ ކައިރިއަށް ހުއްޓުނެވެ. ރާނީގެ ދެއަތުގައި ހިފާލަމުން ދަރިފުޅާ އޭ ކިޔާ ގޮވައިލިއެވެ.

" ކާފާ.... " ރާނީ ގުދުވެލަމުން ރިޒާގެ ގައިގާ ބައްދައިލިއެވެ.

" އަހަރެން މިއަދު ވަރަށް އުފާވެއްޖެ... ހާޖަރު ކަންތައް ތިކުރީ ހަމަ ރަނގަޅަށް.. އޭރު ހާޖަރަށް ހީވީ ރަނގަޅަށް.. ރާނީވެސް ހޯދަން ޒިލާލް މަސައްކަތްކުރީސް.. ރާނީވެސް ހާޖަރު އަތުން އަތުލެވޭތޯ ކުރެވުނުހާ މަސައްކަތެއް ކުރީސް.. " ހާޖަރަށް ބަލައިލަމުން ރިޒާ ބުންޏެވެ. " ތި އާދެވުނީވެސް ވަރަށް މުހިންމު ވަގުތެއްގައި.. ދުއާގެ ކައިވެނީ ޕްލޭނިންގް ހަދަނިކޮށް.. މިހުރީ ދުންޔާ.. ދުއާގެ ވާން އުޅޭ މައިދައިތަ"

ކުރިން ސަލާމަށް އަތް ދިއްކޮށްލީ ހާޖަރެވެ. ދުންޔާ އެއަތުގައި ހިފަމުން ހިނިތުންވެލަމުން ސަލާމް ކޮށްލިއެވެ.

" ދުންޔާ މަންމަ އަކީ އަހަރެންނަށް ވަރަށް މުހިންމު މީހެއް.. ކިރިޔާވެސް މައެއްގެ ލޯބި އަހަރެންނަށް އިހުސާސްވީ ދުންޔާ މަންމަގެ ފަރާތުން.. " ދުއާ ބުނެދިނެވެ.

" ދުންޔާއަށް އަހަރެން ޝުކުރުއަދާކުރާނެ ގޮތެއްވެސް ނޭނގެ.. " ހާޖަރު ބުނެލިއެވެ.

" އަހަރެން އަބަދުވެސް ދެކުނީ ދުއާ އަހަރެންގެ އަމިއްލަ ދަރިއެއް ފަދައިން.. ކުރިއަށް އޮތްތަނުގައިވެސް ގެންގުޅޭނީ ލޫކަންއަށްވުރެވެސް ލޯބިން.. " ދުއާގެ ކޮލުގައި ފިރުމައިލަމުން ދުންޔާ ބުންޏެވެ. އެހިނދު ރާނީއަށް ނަޒަރެއް ދެވުނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ފެނި ދުންޔާއަށް ހިންދިރުވައިލެވުނެވެ. ރާނީއާއި ލޫކަންއަށްޓަކައި އޭނާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. އަމުދުން މިހާރު ދުއާ އަކީ ރާނީގެ އެއްބަނޑު އެއްބަފާ ދައްތަކަން އެނގުމުން ސަފުން ކޮށްދެވޭނެ ކަމެއް ނެތެވެ.

" ބައްޕާ!! ހުއްދަ އޮތިއްޔާ އަހަރެން ބޭނުން ދުއާ އިރުކޮޅަކަށް ގެންދަން.. ދުއާ އާ ބައްދަލުކޮށްލުމުގެ އުއްމީދުގައި އެގޭގައިވެސް ބަޔަކު އެބަތިބި.. " ހާޖަރު އެދުނެވެ.

" ތިކަމަށް ހާޖަރު ހުއްދަ ހޯދަން ނުޖެހޭނެ.. ދުއާ ދެން ހާޖަރާ ހަވާލު.. އަޖަލު ހަމަވުމުގެ ކުރިން ދުއާ ރައްކާތެރި އަތަކަށް ދޫކޮށްލެވުމުން އަހަރެންނަށް މިހާރު ހިތްހަމަޖެހިގެން ދެވޭނެ.. " ރިޒާ ބުނެލިއެވެ.

" ކާފާ ޕްލީޒް..!! " ދުއާ ބުނެވުނެވެ.

" ދެންވެސް އަވަހަށް ދޭ.. " ހިނިތުންވެލަމުން ރިޒާ ބުންޏެވެ.

*****************

ގޭތެރެއިން ނިކުމެގެން ހާޖަރާއި ދުއާ ކުރިމަތީގައި އޮތް ކާރާ ދިމާލަށް މިސްރާބު ޖެހިއެވެ. ރަޔަންއާއި ރާނީވެސް ފަހަތުން އައެވެ. ގޭޓުން ވަދެގެން އަންނަ ލޫކަން ފެނުމާއެކު ރާނީގެ ފައިގާ ތަޅެއް ލެވުނު ކަހަލައެވެ. ކުއްލިއަކަށް ރާނީ ހުއްޓުމުން ކައިރީގައި ހުރި ރަޔަން ވެސް ރާނީ ބަލަން ހުރި ދިމާލަށް ބަލައިލިއެވެ. ހަމައެވަގުތު ދުއާއަށްވެސް ލޫކަން ފެނިއްޖެއެވެ. އެންމެ ގާތް އެކުވެރިޔާއަށް މަންމަ ތައާރަފްކޮށްދެން އޭނާ ހުރީ ކެތްމަދުވެފައެވެ.

" ލޫކް!! " ލިބިފައިވާ ޖޯޝުގައި ދުއާއަށް ގޮވައިލެވުނެވެ. ދުވެފައި ގޮސް ދުއާ  ލޫކަންގެ ގައިގާ ބައްދައިގަތެވެ. ލޫކަން ރާނީއަށް ބަލައިލި ހިނދު ރާނީ ހިންދިރުވައިލަމުން އިސްޖަހާލިއެވެ. ވީގޮތް ދެނެގަންނަން ރަޔަންއަށް އުނދަގުލެއް ނުވިއެވެ. ދުއާ ބައްދައިގެން އެހުރީ މީހަކީ ދެވަނަ އެހެން މީހެއް ނޫނެވެ. ރާނީގެ ލޯބިވެރިޔާ ލޫކްއެވެ.

" ލޫކް!! އަހަރެން ވަރަށް ވަރަށް އުފާވެއްޖެ.. ހިނގާބަލަ.." ލޫކަންގެ އަތުގައި ހިފައިގެން ދުއާ އައިސް ހާޖަރުގެ ކުރިއްމައްޗަށް ހުއްޓުނެވެ.

" ލޫކް.. މިހުރީ އަހަރެންގެ މަންމަ.. ކެން ޔޫ ބްލީވް އިޓް..؟ " ދުއާއަށް ލިބިފައިވާ އުފާވެރިކަން އިންތިހާއެވެ.

" މަންމާ މީ ލޫކް..!! ލޫކަން!! ދުންޔާ މަންމަގެ ދަރި... " ދުއާ ތައާރަފްކޮށްދިނެވެ. ގަދަކަމުން ހިނިތުންވެލަމުން ލޫކަން ހާޖަރާ ސަލާމް ކޮށްލިއެވެ.

" އެނގޭތަ ރާނީ އެއީ އަހަރެންގެ ކޮއްކޮ.. ދެން އެހުރީ ރަޔަން.. އެވެސް އަހަރެންގެ ކޮއްކޮއެއް.. " ރާނީއާއި ރަޔަން ދައްކާލަމުން ދުއާ ބުންޏެވެ. ރަޔަން ހިނިތުންވެލަމުން ލޫކަންއާ ސަލާމްކޮށްލިއެވެ.

" އަހަރެންނަށް މާކުރިން އެނގޭ.. " ރާނީއަށް ބަލަހައްޓައިގެން ހުރެ ލޫކަން ބުންޏެވެ.

" ދުންޔާ މަންމަ ބުނީދޯ ގުޅާފައި... އަހަރެން މިދަނީ މަންމައާ އެކު މަންމަގެ ގެއަށް.. ލޫކް ދާނަންތަ؟ " ދުއާ އެހިއެވެ.

" ނޫނޭ.. އެހެން ފަހަރަކުން ދާނީ.. އަސްލު މިއައީ މަންމަ ބަލާ.. " ލޫކަން ބުނެލިއެވެ.

" އޯކޭ.. އަވަހަށް ދޭ.. އަހަރެން މިއަދު ބޭނުމީ ހުރިހާ ވަގުތެއް މަންމައާ އެކު ހޭދަ ކުރަން.. " ހާޖަރުގެ އަތުގައި ހިފާލަމުން ދުއާ ބުންޏެވެ. ލޫކަން ހިނިތުންވެލަމުން އެތެރެއަށް ދާން ހިނގައިގަތެވެ. ރާނީ ހުރަސްކޮށް ދިޔައިރު ބަލާވެސް ނުލާ ދިޔައީ އެހިތަށް އިތުރަށް އަސަރު ކުރުން ނޫން ކަމެއް ނުވާނެތީއެވެ.

ހާޖަރާއި ދުއާ ގޮސް ކާރަށް އެރިއެވެ. ފަހަތުން ރާނީ ކާރަށް އަރަން އުޅުމުން ރަޔަން ރާނީގެ އަތުގާ ހިފާ މަޑުކުރުވިއެވެ.

" ކިހިނެއް މިވަނީ ރާނީ؟ ލޫކް އެއީ ރާނީގެ ބޯއިފްރެންޑެއް ނޫންތަ؟ ދުއާ އާ ކައިވެނި ކުރަނީ ކީއްވެ؟  " ރަޔަން ސުވާލު ކުރިއެވެ.

" ތަޤުދީރަކީ މިކަހަލަ އެއްޗެއް ރަޔަން.. އެންމެ ހީނުކުރާ ގޮތަށް ކަންތައްތައް ވާނީ.. އިތުރަށް އެވާހަކަތައް ދެއްކުމުން ވާނެ ފައިދާއެއް ނޫނީ އަންނާނެ ބަދަލެއް ނެތް.. އެހެންވީމާ އެންމެ ރަނގަޅުވާނީ އެވާހަކަތައް ނުދެއްކުން.. " މިހެން ބުނެ މަޑުނުކޮށް ރާނީ ގޮސް ކާރަށް އެރިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 16 އޮކްޓޯބަރ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ.. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް