މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަނީ

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގ...

13 Oct 2022 | 09:39

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަލޮޅުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދުމުން ކަމުގައި އެ ކައުންސިލުން ބުނެފައިވެއެވެ.

އެ ކައުންސިލުން ބުނެފައިވާގޮތުގައި ގަލޮޅުގެ ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށެވެ. މި ޕާކުގައި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީ ކުރާ "ޕްލޭ އޭރިއާ" ގައި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް އެކުލެވިގެންވާނެ ކަމަށާއި އަދި މި ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ "ޓްރީ ހައުސް ތީމް" އަށް ކަމަށާއި މީގެ އިތުރުން ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވާނެކަމުގައި ބުނެފައިވެއެވެ.

"ކުޑަކުދިން ކުޅެން ދޫކޮށްލުމަށްފަހު، ބެލެނިވެރިން އަރާމުކޮށްލާނެ ފުރުސަތު ދިނުމުގެ ގޮތުން، ކުޑަކުދިން ކުޅޭ ސަރަހައްދުގައި ބެލެނިވެރިން އިށީނުމަށް ގިނަ އަދަދެއްގެ ޖާގަ ދެވިފައިވާނެއެވެ. ޕާކުގެ އެހެން ސަރަހައްދުތަކުގައިވެސް ތަފާތު ސީޓިންގް ޖާގަ ފަހިކޮށްދީފައިވާނެއެވެ. ހާއްސަ ތީމް އަކަށް ފަރުމާކޮށްފައިވާ 'ފްލަރވަރ ސީޓް' އަދި 'ލީފް ސީޓް' ތަކެއް ވެސް މި ޕާކުގައި ބަހައްޓާފައިވާނެއެވެ." އެ ކައުންސިލުން ބުނެފައިވެއެވެ.

މި ޕާކުގައި އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމް އަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކް އެއް ބެހެއްޓިފައިވާނެ ކަމަށާއި މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކަސްރަތުކުރުމަށް ފަރުމާކުރެވިފައިވާ ހާއްސަ "އައުޓްޑޯ ޖިމެއް" ތަރައްގީ ކޮށްފައިވާނެ ކަމަށާއި ޕާކުގެ ފާހާނަ ބްލޮކްގައި އަންހެން ފިރިހެން އަދި ހާއްސައެހީ އަށް ބޭނުންވާ ފަރާތްތަކަށް ޖާގަ ތަނަވަސްކޮށްފައިވާނެކަމުގައި ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން މި ޕާކުގެ ސްޕޯރޓްސް އޭރިޔާގައި ބެޑްމިންޓަން ކޯޓްއަކާއި 3އޮން3 ބާސްކެޓްބޯލް ކުޅޭނެ ކޯޓެއް ހުންނާނެ ކަމަށާއި މި ސްޕޯޓްސް އޭރިޔާގެ ދަށުގައި، ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިންޒޯން އެއް ވާނެކަމަށާއި މިޕާކިންގް ޒޯންއާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި 2 ސްލޮޓު އިންނާނެ ކަމުގައިވެސް ބުނެފައިވެއެވެ.

"ސަލާހުއްދީން މިސްކިތާއި ޕާކާއި ދެމެދުގައިވާ ހަނި ގޯޅީގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމުގެ ގޮތުން، އެ ސަރަހައްދު އަލި ކުރުމަށް ،ޕާރކުގެ ފާރުގައި 'އެމްބެޑެޑް ލައިޓް' ހަރުކޮށްފައިވާނެއެވެ. ޕާކުގެ އެތެރޭގެ ލައިޓް ތަކާއިއެކު ، މި ސަރަހައްދަކީ އެކަށީގެންވާ ވަރަށް ދިއްލިފައިވާ ސަރަހައްދަކަށް ވެގެންދާނެ" ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މަގުގެ ޓްރެފިކް އާއި ޕާރކް އާ ދެމެދު ބަފަރ އެއް ލުމުގެ ގޮތުން، ޕޭވްމެންޓްގައި ހަނި ޕްލާންޓަރ ބޮކްސް ތަކެއް ބެހައްޓާފައިވާނެކަމަށާއި މި ޕްލާންޓަރ ބޮކްސް ތަކުން ޕާރކް ތެރެއަށް ވެޔޮއަރާ ގޮތަށް ޓްރެލިސް ތަކެއް ފަރުމާ ކޮށްފައިވާނެކަމަށެވެ. އަދި  ޕްލާންޓަރ ބޮކްސް ތަކުގެ ސައިޒް ވީހާވެސް ހަނި ކޮށް، ޕޭވްމެންޓް ގައި ޕްރޭމް އަދި ފުރޮޅީގޮނޑި ދުއްވާ ޖާގަ ދީފައިވާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް